މިދުވަސްކޮޅު އިންޑިއާގެ ތްރިވެންޑްރަމް އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އިއްޔެ ފަތިހު ފެންބޮޑުވެ، ހާލުގައި ޖެހުނު 16 ދިވެއްސަކު އެހެން ތަނަކަށް ބަދަލު ކޮށްފައިވާކަމަށް ރާއްޖޭގެ ކޮންސިއުލޭޓުން މިއަދު ބުނެފިއެވެ.
ރާއްޖޭގެ ކޮންސިއުލޭޓްގެ ޑެޕިއުޓީ ޖާދުއްﷲ ޙުސެއިން ތައުފީޤް ވިދާޅުވީ ފެން ބޮޑުވުމުގެ ސަބަބުން އަސަރުކުރީ ކޮސްމޯ ހޮސްޕިޓަލުގައި ހުރި ގެތަތަކަށް ކަމަށާއި ބައެއް ގޭގޭގައި ހަތަރު ފޫޓަށް ފެންބޮޑުވީ އެހޮސްޕިޓަލު ކައިރީގައި އޮންނަ ކޯރުތަކުގެ ފެންގަނޑު ބޮޑުވެގެން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ފެންބޮޑުވުމުގެ ސަބަބުން 36 ދިވެއްސަކި އިއްޔެ ހާލުގއި ޖެހުން އިރު އޭގެ ތެރެއިން 16 މީހަކު މިހާރު ހޮޓަލަކަށް ބަދަލު ކޮށްފައިވެއެވެ. އަދި ނުވަ މީހަކު އެނބުރި ރާއްޖެ އައިސްފާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.