އިދިކޮޅު ކޯލިޝަންގެ ވެރިކަމުގައި ކޯޓުތަކަށް އަތް ބާނަން މަސައްކަތް ނުކުރައްވާނެ ކަމަށް އިދިކޮޅު ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅުތަކަށް ފެއްޓެވި ދަތުރުފުޅުގައި އއ. ހިމަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ އަޅުގަނޑުމެންގެ ސަރުކާރަކުން އަދުލުވެރިކަމުގެ ނިޒާމުގެ ތެރެއަށް، ފަނޑިޔާރު ގެއަށް، އަތް ބާނައި ބޭނުންވާ ވަކި ކަންތައްތަކެއް، ވަކި ގޮތަކަށް ނިމުމަށްޓަކައި ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަނެކަމަށާޢި ތަންފީޒީ އިދާރާތަކަށް ގާނޫނުއަސާސީއާ ގާނޫނުތަކުން ލިބޭ އިހްތިޔާރުތައް ލިބޭނެކަމަށެވެ.
ފައިސަލް ވިދާޅުވީ އިންސާފަކީ ހަމައެކަނި ކޯޓުތަކުން ލިބޭ އެއްޗެއް ނޫންކަމަށާޢި ލަފާފުރުމުގައި ވެސް އިންސާފު އޮންނަން ޖެހޭނެ ކަމަށެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފައިސަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރެއްގައި އިސްރާފާއި ކޮރަޕްޝަންގެ އަމަލުތައް ނުހިންގޭނެ ކަމަށާއި ކޮންމެ ކަމެއްވެސް ކުރެވޭނީ ދެފުށް ފެންނަ ގޮތަށް ހަމަ އަގުގައި ކަމަށެވެ. އެހެންކަމުން ކަންކަމަށް ކުރަންޖެހޭ ހޭދަ ކުޑަވެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ އަގުތައް ކުޑަވެގެންދާނެ ކަމަށެވެ.