ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަކީ ދިވެހި ރައްޔިތުން ނުކުމެ ހަޤީޤީ މިނިވަންކަން ހޯދާ ދުވަހަށް ހެދުމަށް ފައިޞަލް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަކީ ދިވެހި ރައްޔިތުން ނުކުމެ ހަޤީޤީ މިނިވަންކަން ހޯދާ ދުވަހަށް ހެދުމަށް ފައިޞަލް ގޮވާލައްވައިފި
މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަކީ ދިވެހި ރައްޔިތުން އެކުގައި ނުކުމެ ހަޤީޤީ މިނިވަންކަން ހޯދާ ދުވަހަށް ހެދުމަށް ރަނިންމޭޓް ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

ގުޅިފައިވާ ކޯލިޝަނުން މިރޭ އއ މަތިވެރީގައި ބޭއްވި ބައްދަލުވުމުގައި ފައިޞަލް ވިދާޅުވީ ވޯޓުލާ ދުވަހަކީ ދިވެހިރައްޔިތުންނަށް މިސަރުކާރުން ދެމުން ގެންދާ އަނިޔާތަކާއި ބޭއިންޞާފުން ރައްޔިތުން މިނިވަން ލިބޭ އެންމެ ފަހުގެ ފުރުޞަތު ކަމަށެވެ. ދެވަނަ ދައުރަކަށް ރައީސް ޔާމީނަށް ފުރުޞަތު ދީފިނަމަ އަޅުވެތިކަމާއި އަނިޔާވެރިކަމުން ސަލާމަތްވެ މިނިވަންކަމާއިއެކު ހަމަ ނޭވާލައިގެން ދިރިއުޅުމުގެ ފުރުޞަތު ދުވަހަކުވެސް ނުލިބޭނެ ކަމަށެވެ.

ސިޔާސީ ބޭނުންތަކަށް މީހުން ހައްޔަރުކޮށް އަނިޔާ ކުރުމުގެ އިތުރުން ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ކެނޑިނޭޅި ޚިޔާނާތްތެރިވަމުން ގެންދިއުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުން އަންނަ ދަތިތަކަކީވެސް ރައްޔިތުންނަށް ކުރާ އަނިޔާކަން ފައިޞަލް ފާހަގަކުރެއްވިއެވެ.

ފައިޞަލް ވިދާޅުވީ ކުރާ ކޮންމެ ކަމެއް އިންތިހާއަށް ބޮޑެތި އަގުތަކުގައި ކުރަމުން ގެންދާތީ ދައުލަތުގެ ތިޖޫރީތައް މިހާރުވެސް ވަނީ ހުސްވުމަކަށް އައިސްފައި ކަމަށެވެ. ތިޖޫރީފައި ފައިސާ ފޮތްޗެއް އޮތްނަމަ އެއީ ރައްޔިތުން ދަރަނިވެރިކުރުވާފައި ކޮންމެވެސް ދިމާއަކުން ހޯދައިގެން ތިޖޫރީއަށް ވައްދާފައި އޮތް އެއްޗެއް ކަމަށެވެ.

ފައިޞަލް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ލާ ވޯޓު ވެގެންދާނީ މިހުރިހާ މުޞީބާތްތަކުން ސަލާމަތްވެ މިނިވަންވުމަށް ލިބޭ ފުރުޞަތަށް ކަމަށާއި އެ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން