މިސްކިތްތަކުގެ ފާޚާނާތަކަށް ބެލުމުން އިސްލާމް ދީނަށް މިސަރުކާރުން ދޭ އިސްކަން ފެނޭ: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މިސްކިތްތަކުގެ ފާޚާނާތަކަށް ބެލުމުން އިސްލާމް ދީނަށް މިސަރުކާރުން ދޭ އިސްކަން ފެނޭ: ފައިޞަލް
އިސްލާމް ދީން ހިމާޔަތްކޮށް މަތިވެރިކުރުމުގެ ވާހަކަތައް ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ދައްކަމުން ގެންދާއިރު މިސްކިތްތަކުގެ ފާޚާނާތަކަށް ބެލުމުން އިސްލާމް ދީނަށް މިސަރުކާރުން ދޭ އިސްކަން ފެންނަ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން އއ ތޮއްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ފައިޞަލް ވިދާޅުވީ އިސްލާމް ދީނުގައި އެންމެ ބޮޑަށް ޙުރުމަތްތެރިވެގެންވާ ތަންތަނަކީ މިސްކިތްތައް ކަމަށްވާއިރު މިސްކިތްތައް ހިމާޔަތްކޮށް މަރާމާތުކޮށް ބަލަހައްޓަން މިސަރުކާރުން ކުރާ މަސައްކަތްތަކާއިމެދު ވަރަށް ގިނަ ސުވާލުތައް އުފެދޭ ކަމަށެވެ. އެހެންކަމުން އިސްލާމް ދީން ހިމާޔަތްކޮށް މަތިވެރި ކުރުމުގެ ވާހަކަ މިސަރުކާރުން ދައްކަނީ ކޮން ގޮތަކުން އެކަން ކުރަން ކަމާއިމެދުވެސް ސުވާލު އުފެދޭ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ކަންކަން މިފަދައިން ފެންނަން ހުރުމުން ދީން އެއީ ހަތިޔާރަކަށް ނަގައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން މަސައްކަތްކުރި ނަމަވެސް އެކަން އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ފައިޞަލް މިމޭރުމުން ވިދާޅުވެފައިވާއިރު ވެރިކަން ކުރާ މާލެއަށް ބެލި ނަމަވެސް މިސްކިތްތަކުގެ ފާޚާނާތައް ހުރި ހާލަތާއިމެދު އެތަންތަނުގެ ބޭނުންކުރާ މީހުން ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

އިސްލާމް ދީނުގެ އެންމެ މަތިވެރި އަޅުކަމަކީ ނަމާދުކުރުމެވެ. މުސްލިމުން ދުވާލަކު ފަސް ފަހަރު މިސްކިތަށް ގޮސް ނަމާދުކުރަންޖެހޭއިރު ނަމާދުކުރުމުގެ ކުރިން ބައެއް މީހުން ކޮންމެހެން ފާޚާނާ ބޭނުންކުރަން ޖެހޭއިރު ގިނަ މިސްކިތްތަކުގެ ފާޚާނާ ސަރުކާރުން ނުބަލަހައްޓާތީ ޢާންމުން ދަނީ ބަލަހައްޓަމުންނެވެ.

ވުޟޫ ކުރުމަށް ބެލި ނަމަވެސް ނަމާދު ވަގުތުތަކުގައި އިސްކުރުތަކުން ފެން ލިބޭވަރު މަދުވުމުން ވުޟޫކުރަން ގިނަ ވަގުތު ހޭދަކުރަންޖެހޭތީ ކިޔޫ ދިގުވެ ޖަމާއަތުގައި ނަމާދުކުރަން ފަށާއިރުވެސް މީހުން ގިނައިން އަރާ މިސްކިތްތަކުގައި ވުޟޫކޮށް ނުނިންމޭކަން ގިނަ ބައަކު ފާހަގަކުރެއެވެ.
މިއަދު އޮންލައިން