މިއަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް މާދަމާ އިން ފެށިގެން ސެކިއުރިޓީ ދޭން ފަށާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރު މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުތަކާ ބެހޭ ގާނޫނުގެ ބުނާގޮތަށް މާދަމާ އިން ފެށިގެން ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ފަށާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ރައީސް އަބްދުﷲ ޔާމީން އަަބްދުލް ގައްޔޫމާއި، ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އެވެ.
އިންތިހާބުގެ ގާނޫނުގައި ބުނެފައިވަނީ، އިންތިހާބަށް ކުރިމަތިލާ ބޭފުޅުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާނުކުރާ ދުވަހުން ފެށިގެން، އެއިންތިހާބެއްގެ ފަހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ މީހާ، އެ މަގާމާ ހަވާލުވަންދެން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާއި އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމަށް ކުރިމަތިލާމީހުންނަށް ދައުލަތުގެ ހަރަދުގައި ސެކިއުރިޓީ ދޭން ޖެހޭނެ ކަމަށެވެ.