ރާއްޖޭގެ ފަތުރުވެރިކަން ޕްރަމޯޓްކޮށް ކުރިއަރުވަން އުފައްދާފައިވާ އެމްއެމްޕީއާރުސީއަށް ލިބޭ އެއްވެސް ފައިސާއެއް ކޯލިޝަނުގެ ސަރުކާރުގައި އެއްވެސް ގެއަކަށް ނުވައްދާނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އއ ތޮއްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ފައިޞަލް ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާ ބޭނުންކުރާނީ ފަތުރުވެރިކަން ކުރިއަރުވައި ޕްރަމޯޓްކުރުމަށް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ކަމަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަން ކަމަށެވެ.
ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުގައި ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަނަށް ފައިސާ ދެއްކުމުންވެސް ކޯޓާލިބި ހައްޖަށް ނުދެވި އިންތިޒާރުގައި ތިބެން ނުޖައްސުވާނެ ކަމަށެވެ.
ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުގައި ހައްޖަށް ދިއުމަށް ލިބޭ ކޯޓާއިން މަކަރު ނުހަދާނެ ކަމަށާއި ކޯޓާއަށް ލިބޭ އަދަދަށް މީހުން ޙައްޖަށް ފޮނުވާނެ ކަމަށާއި އެކަން ކުރާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
ފައިޞަލް ވިދާޅުވީ ކޮންމެ ކަމެއްވެސް އަދުލުވެރިކަމާއިއެކު އިންސާފުން ކުރުމަކީ "ޗޮއިސް" އެއް ނޫން ކަމަށާއި އެއީ ކޮންމެ ކަމެއްވެސް ކުރަންޖެހޭނެ ގޮތް ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު މިއަދު މިހާ ހިސާބަށް އައިސްފައި މިވަނީ އަދުލުވެރިކަމެއް ނެތި އިންސާފުން ބޭރުން ކަންކަން ކުރުމުން ކަމަށެވެ.
"ތޮއްޑޫ އަކީ ކުރާ ކޮންމެ މަސައްކަތެއްގައިވެސް ނަމޫނާ ދައްކަމުން ގެންދާ ރަށެއް، ފަތުރުވެރިކަމާ ދަނޑުވެރިކަމުން އެކަނި ވެސް އެކަން ދައްކުވައިދީފައިވާ ރަށެއް. މިއަދަކު ނެތް ފަސް އެނބުރި ބެލޭކަށް. މިއަދު މިވަނީ ކުރިއަށް ބަލަންޖެހިފަ. މުސްތަޤްބަލަށް ފައިދާ ހުރި މަސައްކަތްތައް ކުރަން ޖެހިފަ. އެކަން ކުރަން ފަސްޖެހިއްޖެ ނަމަ ދެން ދުވަހަކުވެސް ފުރުޞަތެއް ނުލިބޭނެ." ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.