މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކަންކަން އޮޅުވާލަން މަސައްކަތް ކުރި ފަރާތްތަކާއި ދެކޮޅަށް ޖިނާއީ ދައުވާ ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް ވިދާޅުވީ، އިންތިހާބުގައި ރީ-ރެޖިސްޓްރޭޝަން އޮޅުވާލުމަށް އެއްވެސް މަސައްކަތެއް އެކޮމިޝަނުން ކޮށްފައި ނުވާނެ ކަމަށެވެ.
ރީ-އެޖިސްޓްރޭޝަން އޮޅުވާލާފައިވާ ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު ޝަރީފު މިއަދު ވިދާޅުވީ، އޮޅުވާލާފައިވާނަމަ އެއޮޅުވާލުމެއް އޮޅުވާލީ ފޯމު ވެއްދި ފަރާތަކުން ކަމަށާއި އެއީ ސިޔާސީ ޕާޓީތަކުން ނުވަނަ އެފޯމު އިލެކްޝަންސް ކޮމިޝަނަށް ގެންދިޔަ ފަރާތަކުން ކަމަށެވެ. އަދި ރީ-ރެޖިސްޓްރޭޝަން ފޯމު އެކޮމިޝަނަށް ގެންދިޔައީ ކޮން ފަރާތަކުން ކަމަށާއި އެފަރާތުގެ އިނގިލީގެ ނިޝަންފަދަ މައުލޫމާތު ލިބިފައިވާކަމަށް ވެސް އީސީގެ ރައީސް ވިދާޅުވިއެވެ.
"އިންތިހާބީ ކަންކަން އޮޅުވާލުމަށްޓަކައި މަސައްކަތް ކުރި ހުރިހާ އެންމެން ގޮވައިގެން އަޅުގަނޑުމެން ދައުވާ ކުރާނަން" އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވިއެވެ.