މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނައްތައް މިއަދު ތަރުތީބު ކޮށްފިއެވެ.
އެގޮތުން މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ނަންތައް ތަރުތީބު ކުރުމުގެ ގުރުއަތުން ކެންޑިޑޭޓް ނަންބަރު 1 ލިބިވަޑައިގެންނެވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށެވެ. އަދި ކެންޑިޑޭޓޤ ނަންބަރު 2 ލިބިފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސާލިޙު (އިބޫ) އަށެވެ.
ގުރުއަތު ނެންގެވުމުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓު މޫސާ ޒަމީރާއި އިބްރާހިމް މުޙައްމަދު ސޯލިޙުގެ ރިޔާސީ އޭޖެންޓު ހިސާން ޙުސެއިނެވެ.
ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ގުރުއަތު ނަގައި ނަންތައް ތަރުތީބު ކުރެއްވުމަށްފަހު، އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އިންތިހާބަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔަ ކަމަށެވެ.