ދައުލަތަށް ލިބޭ އާމްދަނީ 10 އަހަރު ތެރޭ 10 ބިލިއަން އިތުރުވީމާވެސް ޤައުމު ދަރަނިވެރި މިވަނީ ވައްކަމާ ކޮރަޕްޝަން ބޮޑުވެ އަދި އިސްރާފް ބޮޑުވުމުން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ވީޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ މިރޭ ވިދާޅުވީ 2008 ވަނަ އަހަރަށް ބަލައިފިނަމަ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 8 ބިލިއަން ރުފިޔާ ކަމަށާއި މިހާރު އެ އަދަދު ވަނީ 18 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށެވެ. އަދި މިބޮޑު ބަދަލު ގެނެވުނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
އިބޫ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ ދެގުނައަށްވުރެ އިތުރުވުމުން ވެސް ދައުލަތުގެ ދަރަނި ބޮޑުވަމުން ގޮސް މިއަހަރު ނިމޭއިރު 50 ބިލިއަނަށް އަރައިގެން އެދަނީ ވައްކަމާއި ކޮރަޕްޝަނާއި އިސްރާފް ބޮޑުވުމުން ކަމަށެވެ. "ކޮރަޕްޝަން ނައްތާލައި މަޝްރޫޢުތައް ހަމައަގުގައި ދޭން ފެށީމާ ލިބޭ އާމްދަނީން މަޝްރޫއުތައް ހިންގައި އަދި ވައުދުތައްވެސް ފުއްދޭނެ ކަމަށެވެ.