މިއަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް އެމްއެންޑީއެފް އިން ސެކިއުރިޓީ ދޭން ފަށައިފި އެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ރިޔާސީ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް ސެކިއުރިޓީ މިއަދު ދޭން ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވަނީ ވިދާޅުވެފައެވެ.
އިންތިހާބުގެ ގާނޫނުގައި ބުނެފައިވަނީ، އިންތިހާބަށް ކުރިމަތިލާ ބޭފުޅުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާނުކުރާ ދުވަހުން ފެށިގެން، އެއިންތިހާބެއްގެ ފަހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ މީހާ، އެ މަގާމާ ހަވާލުވަންދެން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާއި އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމަށް ކުރިމަތިލާމީހުންނަށް ދައުލަތުގެ ހަރަދުގައި ސެކިއުރިޓީ ދޭން ޖެހޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ރައީސް އަބްދުﷲ ޔާމީން އަަބްދުލް ގައްޔޫމާއި، ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމާ ހަމަޔަށް މިބޭފުޅުންނަށް ސެކިއުރިޓީ ދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.