ކޯލިޝަނުގެ ސަރުކާރުގައި މިހާރަށްވުރެ ފްލެޓްތަކުގެ އަގުތައް ތިރި ކުރާނަން: އިބޫ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޯލިޝަނުގެ ސަރުކާރުގައި މިހާރަށްވުރެ ފްލެޓްތަކުގެ އަގުތައް ތިރި ކުރާނަން: އިބޫ
ކޯލިޝަނުގެ ސަރުކާރުގައި މިހާރަށްވުރެ ފްލެޓްތަކުގެ އަގުތައް ތިރި ކުރާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެންވިދާޅުވީ ހެންވޭރުގައި ''ގަމު ރަޝާދު ޖަގަހަ'' ގެ ނަމުގައި ޖަގަހައެއް މިރޭ ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިބޫ ވިދާޅުވީ ކޯލިޝަނުން ވެރިކަމަށް އައުމަށް ފަހު ރައްޔިތުންނަށް ހެޔޮ އަގުގައި އިންސާފުވެރިކަމާއެކު ބޯހިޔާވެހިކަން ފޯރުކޮށްދޭނެ ކަމަށާއި ގެދޮރާ ބެހޭ ގޮތުން ހައުސިންގްއާ ބެހޭ ހާއްސަ ސްކީމެއްގެ ދަށުން ލުއި ލޯނު ދިގު މުއްދަތަށް ދައްކާ ހަލާސް ކުރެވޭ ގޮތަށް އެކަން ހަމަޖައްސައި ފްލެޓްގެ އަގުތައް މިހާރަށްވުރެ ތިރިކުރާނެކަމަށެވެ.



އިބޫ ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި ފްލެޓް ހޯދަން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހައްގުވެެރިންނަށް ފްލެޓް ނުލިބުމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.



"އަޅުގަނޑުމެންގެ ނޯންނާނެ މިނިސްޓަރުގެ ލިސްޓެއް. އަޅުގަނޑުމެންގެ އޮންނާނީ މާކްސް ދެވޭ އުސޫލުން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުން. އެގޮތުން މާކްސް ދެވޭއިރު މަދަނީ ޖަމްއިއްޔާތައް ބައިވެރިކޮށްގެން އިވެލުއޭޝަން ކުރިއަށް ގެންދާނަން،" އިބޫ ވިދާޅުވި އެވެ.

ކޯލިޝަނުގެވެރިކަމުގައި މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވާލަދޭނެ ކަމުގެ ޔަގީންކަންދޭކަމަށްވެސް އިބޫ ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން