ގުޅިފައިވާ ކޯލިޝަނުގެ ސަރުކާރުގައި ކޮރަޕްޝަނުގެ މައްސަލަތައް ފަޅާ އަރުވައިދޭ މީހުން ބަންދު ނުކުރައްވާނެ ކަމަށާއި ދެއްވާނީ އިނާމާއި ޙިމާޔަތް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ ވިދާޅުވީ ކޮރަޕްޝަނާއި ގުޅުންހުރިކަމަށް ރައްޔިތުންގެ ގިނަ ބައަކު ވަރަށް ބޮޑަށް ތުހުމަތުކުރަމުން އައި ބޮޑު މައްސަލައަކާއި ގުޅޭ ގޮތުން އެކަމާއި ގުޅުންހުރި މައުލޫމާތު ހާމަކުރުމުން ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒިފަކު ވަނީ ދާދިފަހުން ހިފައި ހައްޔަރުކޮށް ބޮޑެތި އަދަބުތައް ދީ އަދި ޖަލުގައި އެތައް ދުަވަހަކު ބަންދުކޮށްފައި ކަމަށެވެ. ނަމަވެސް ކޯލިޝަނުގެ ސަރުކާރުގައި މިފަދަ ކަންކަން ކޮށްދޭ މީހުން ހިމާޔަތްކޮށްދޭނެ ޤާނޫނެއްވެސް ފާސްކުރައްވާނެ ކަަމަށެވެ.
އިބޫ ވިދާޅުވީ މުއްސަނދިންގެ އަތުން އިންކަން ޓެކްސް ނަންގަވާނެ ކަަމަށާއި އެކަން ކުރައްވާނީވެސް މަޝްވަރާ ކުރައްވައިގެން އެކަން ކުރެވެން އޮތް އެންެމެ ރަނގަޅު ގޮތަކަށް ކަމަށެވެ. އަދި މަޤާމުގެ ނުފޫޒުގެ ބޭނުންކޮށް ނުޙައްގުން މުއްސަނދިކަން ހޯދުން ހުއްޓުވާނެ ކަަމަށާއި އަދި މިހާރު ހިންގާފައިވާ އެފަދަ މާލީ ޖަރީމާތަކުގެ މައްސަލަތައްވެސް ބައްލަވާނެ ކަމަށެވެ.
އިބޫ މިއަދުވެސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވި ލަސްވަނީ، އަދި ދަރަނިވެރިވެގެން އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހިގެން މިއުޅެނީ ދައުލަތަށް ލިބޭ އާމްދަނީ އިސްރާފުކުރާތީ، ކޮރަޕްޝަންގެ އަމަލުތައް އިތުރުވެފައިވާ މިންވަރު ބޮޑު ކަމުން ކަމަށެވެ.