ޢީދުގަ ކުޅެންޖެހޭނީ ހަލާލް ކުޅިވަރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޢީދުގަ ކުޅެންޖެހޭނީ ހަލާލް ކުޅިވަރު
"ޢީދު ކުޅިވަރުތަކުގައި، އަލަށް އިސްލާމްވީ މީހުން ބައިވެރިކުރާށެވެ. ދައުވަތު ދީގެންވެސް ވެސް އެމީހުން ގެނުވާށެވެ. އެހެނީ އެމީހުންގެ ޢާއިލާތަކުގައި އަދި ތިބީ މުސްލިމުންނެއް ނޫނެވެ. މުސްލިމުން ކުޅެންޖެހޭނީ ހަލާލު ކުޅިވަރުތަކެވެ. މަޖާކޮށް އުފާކުރަންޖެހޭނީ ޙަލާލު ގޮތުގައެވެ."

މިއީ އިސްލާމިކް ޓްވީޓްސް އިން ޢީދާއި ގުޅިގެން ކޮށްފައިވާ ޓްވީޓެކެވެ.

މި ޓްވީޓް އަމާޒުކޮށްފައި އެވަނީ ގިނ އަދަދެއްގެ މީހުން އަލަށް އިސްލާމްވަމުން އަންނަ މުޖުތަމައުތަކަށެވެ. ރާއްޖޭގައި އަލަށް އިސްލާމްވަނީ ވަރަށް މަދު މީހެކެވެ. އެފަދަ މީހަކު ރާއްޖޭގައި ހުރިނަމަ ޢީދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ދައުވަތު އޮންނާނީ އޮޓޮމެޓިކުންވެސް ލިބިފައެވެ.

ޓްވީޓަށް ބަލައިފިނަމަ އަޅުގަނޑުމެން ވެސް ވިސްނަން ޖެހޭ ކަންކަން އެބަހުއްޓެވެ. އެއީ ޢީދާއި ގުޅުވައިގެން ގިނަ ކުޅިވަރުތަކެއް ކުޅޭއިރު އިސްލާމް ދީނުގައި ހުއްދަވެގެންވާ ކުޅިވަރުތައް ކުޅުމެވެ. އުފާކޮށް މަޖާކޮށް ހަދާއިރުވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އިންތަކުގެ ތެރޭގައި ކަންކަން ހިފެހެއްޓުމެވެ.

ދީނީ ޢިލްމްވެރިޔާ އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ ޢީދު ކުޅިވަރު ކުޅުމުގައިވެސް ހިލޭ އަންހެނުންނާއި މަސްހުނިވެ އޮޅުލައި ބަގުޑިބައްދައި ހެދުން ފަދަ ކަންކަން ކުރުން ހުއްދަ ނޫން ކަމަށެވެ. އަދި މިޔުޒިކް ޝޯތައް ބޭއްވުމާއި މިޔުޒިކް ޝޯތައް ބެލުމުގެ ނަމުގައި ގޮސް ދެޖިންސުން މަސްހުނިވެ އުޅުން ވެސް ހުއްދަ ނޫން ކަމަށެވެ. ނަށައި ހެދުމުގައިވެސް ވަނާތައް ފެންނަ ގައަށް ބާރު ހެދުން އެޅުމާއި ދެ ޖިންސަށް ޢާންމުކޮށް ފެންނަ ގޮތަށް ނެށުން ހުއްދަ ނުވާނެ ކަމަށެވެ.

އައްޝައިޚް ޖަޢްފަރު ފާއިޒް، ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އިލްޔާސް ޙުސައިން ފަދަ ރާއްޖޭގެ އެންމެ މަޝްހޫރު ގިނަ އަދަދެއްގެ ދީނީ ޢިލްމްވެރިން ވަނީ މިމޭރުމުން އިލްތިމާސް ކުރައްވައިފައެވެ.
މިއަދު އޮންލައިން