އިމާމް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ އިސްލާމީ ތަޞައްވުރަށް އެންމެ ބޮޑު ކިލަނބު ކަމެއް ލިބެމުން މިހާރު އަންނަނީ ރާއްޖޭގެ ރިޒޯޓެއްގައި ދާދިފަހުން ބަހައްޓައިގެން އުޅޭ ބުދުތަކުންނެވެ. ސީއެންއެން އާއި އެނޫންވެސް ދުނިޔޭގެ ބޮޑެތި މާސް މީޑިއާތަކުން ގެންދަނީ އެ ބުދުތައް އިޝްތިހާރު ކުރަމުންނެވެ.
އެފަދަ މީޑިއާ ތަކުން ނުސީދާ ގޮތެއްގައި ބުނެ ހާމަކުރަމުން އަދި ދުނިޔެއަށް ދައްކައިދެމުން ގެންދަނީ މިހައި ތަނަށް މިފަދަ ބުދުތަކުން ސަލާމަތްވެފައި އޮތް ދިވެހިރާއްޖޭގައި މިހާރު މިވަނީ "ހަކުރު ތިކި ޖެހިފައި" ކަމެވެ.
މިއަދުގެ ޚުޠުބާގައި ވަނީ އިސްލާމް ދީނަށް މިހާރު ކުރިމަތިވަމުން އަންނަ ވަރަށް ގިނަ މައްސަލަތައް ފާހަގަކޮށްފައެވެ. "މިހާރަކަށް އައިސް ފެންނަމުން ދަނީ އިސްލާމް ދީނަށް ފައުޅުގައި އިހާނެތިކޮށް ހިތަމުން އަންނަ ތަނެވެ. ކީރިތި ޤްރްއާނަށް ދަނީ އިހާނެތިކޮށް ހިތަމުންނެވެ.
މިދީނުގެ ނަބިއްޔާ (ޞޢވ) އަށް ދަނީ ފުރައްސާރަކުރަމުންނެވެ. މުސްލިމުންގެ މުޤައްދިސް ތަންތަނަށް އަރައި އެތަންތަން މިދަނީ ފޭރިގަންނަމުންނެވެ. އިސްލާމީ ޤައުމުތަކުގެ އިންތަކުގެ ޙުރުމަތް ދަނީ ކަނޑަމުންނެވެ. މުސްލިމް ޢިލްމުވެރިންގެ ޤަދަރު ދަނީ ވައްޓައިލަމުންނެވެ.
އިސްލާމީ ޔުނިވަރސިޓީތަކާއި މަތީ ތައުލީމް ދޭ ތަންތަނުގެ މަންހަޖުތައް ބަދަލުކުރުވޭތޯ ދަނީ ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. އިސްލާމް ދީން މިވަނީ އެދީނުގެ ވަޠަނުގައި ބީރައްޓެހި ކޮށްފައެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއް އޮވެގެން ނުވާނެ ކަމަށް ދަނީ އަޑުއުފުލަމުންނެވެ. މުސްލިމުންގެ ޙައްޤުތައް ވަނީ ޗިސްޗިސްކޮށްފައެވެ. އިސްލާމް ދީނަށް އެމީހުންގެ ވަގުތުންނާއި، އެމީހުންގެ މުދަލުންނާއި އެމީހުންގެ އީޖާދުތަކުން ޤްރްބާންވާން ކެރޭ މީހުންނަށް މިއަދު މިވަނީ ބޭނުންވެފައެވެ. އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަންކެރޭވަރުގެ މުސްލިމް ދަރިންނަށް ވަނީ ބޭނުންވެފައެވެ."
އިމާމް ވިދާޅުވެފައިވާ މި ބަސްފުޅުތައް ކިތަންމެހައިވެސް ފުރިހަމައެވެ. އެހެނީ މި ހުރިހާ މައްސަލަތައް ވެސް ވަރަށް ފުޅައު ދާއިރާއެއްގައި އިސްލާމީ އުންމަތަށް ވަނީ ކުރިމަތިވެފައެވެ.
ސައްތައިން ސައްތަ މުސްލިމް ޤައުމުތަކުގެ ގޮތުގައި ދުނިޔޭގައި އޮތީ ހަމައެކަނި ދިވެހިރާއްޖެ އާއި ސައުދިޢަރަބިޔާއެވެ. ދެ ޤައުމަށްވެސް ދަނީ ނުފޫޒު ފޯރުވަމުންނެވެ. އެފަދަ ނުފޫޒުތަކުގެ ސަބަބުން ދެ ޤައުމުގައި ވެސް ކުރިން ނެތް، އިސްލާމީ ޘަޤާފަތާއި ބީރައްޓެހި އެތައް ކަމެއް މިހާރުވެސް ވަނީ ޢާންމުކުރުވައިފައެވެ.
އެފަދަ ކަންކަމާއި ދެކޮޅަށް ސާބިތު ކަމާއިއެކު އަޑުއުފުއްލަވާ ދީނީ ޢިލްމުވެރިންނަށް ދެ ޤައުމުގައިވެސް ދަނީ ދަތިތައް ކުރިމަތިކުރުވަމުންނެވެ.
ރާއްޖެއަށް ބަލައިފިނަމަ ޙިޖާބަ އަޅައި ނިވާވުމުން ދަނީ ވަޒީފާއިން ވަކިކުރަމުންނެވެ. ތުނބުޅި ބަހައްޓައި ފައިކުރި ކުރުކުރުން ދަނީ ވަޒީފާއިން ވަކިކުރަމުންނެވެ. މިއިން ކަމަކާއިމެދު ބަހެއް ބުނެފިނަމަ ބަލަނީ އެމީހަކީ ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގައެވެ.
މިފަދަ މައްސަލަތައް ފެންމަތިވަމުން އަންނަ ސަބަބެއް ކަމަށް ގިނަ ބައަކު ޤަބޫލުކުރަނީ ހަރުކަށި ފިކުރުގެ މިންގަނޑު މުސްލިމުން ނޫން ބައަކު ކަނޑައަޅަމުން ގެންދިއުމެވެ. މުސްލިމް ޤައުމުތަކުން އަމަލުކުރަންޖެހޭ މިންގަނޑުތައް މުސްލިމުން ނޫން ބައަކު ކަނޑައަޅަމުން ގެންދިއުމެވެ. އަދި އެމީހުން ކަނޑައަޅާ މިންގަނޑުތަކަށް އަމަލުކުރަން މުސްލިމް ޤައުމުތަކަށް މަޖުބޫރު ކުރުވަމުން ގެންދިއުމެވެ.