ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފިނަމަ، އެޅެން އޮތް ފިޔަވަޅެއް އަޅާނަން- އީޔޫ

ކިޔުމަށް ހޭދަވާނީ 1މ 4ސ
ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފިނަމަ، އެޅެން އޮތް ފިޔަވަޅެއް އަޅާނަން- އީޔޫ
އަންނަ ސެޕްޓެމްބަރ މަހުގެ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފިނަމަ، ބައިނަލް އަގުވާމީ މުޖުތަމައު ބަލަން ނުތިބޭނެ ކަމަށާއި ނަތީޖާ އޮޅުވާލި ބަޔަކާއިމެދު އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޕާލަމެންޓުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންވަނާ ރެޕަޓުއާރ އަދި އެޕާލަމެންޓުގެ މެންބަރު ތޯމަސް ޒެކޮވޯސްކީ ވިދާޅުވެއްޖެއެވެ.

"އީޕީޓުޑޭ" އަށް ދެއްވި އިންޓަވިއު އެއްގައި ތޯމަސް ވިދާޅުވީ އީޔޫގެ މެންބަރު ޤައުމުތައް އޮތީ ރާއްޖެއާއިމެދު ކަންބޮޑުވެފައި ކަމަށެވެ. އެގޮތުން އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް، ޖަޕާން އަދި އިންޑިއާ ގުޅިގެން ރާއްޖޭގެ ޑިމޮކްރެސީ ނަގަހައްޓަން މަސައްކަތް ކުރާނެ ކަމަށް ވެސް ތޯމަސް ވިދާޅުވިއެވެ.

މީގެއިތުރުން އީޔޫއިން ރާއްޖެއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށާއި އެލިސްޓު އޭނާ ދެކެވަޑައިގަތް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއާއިމެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން ޖުލައި މަހުގެ ތެރޭގައި ފާސް ކުރިއިރު، އީޔޫއިން ހެދި އޮނިގަނޑުގައި އޮތީ ރާއްޖޭގެ އިންސާނީ އަދި ސިޔާސީ ޙައްޤުތަކަށް އަރައިގަންނަ މީހުންނާއި މުއައްސަސާތަކުގެ އިތުރުން އެކަމުގައި ބައިވެރިވާ އެހެން މީހުންނާއި މެދު ފިޔަވަޅު އެޅުމަށެވެ.
މިއަދު އޮންލައިން