ސިވިލް ސަރވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފަގައި ތިބި މުވައްޒިފުންނަށް މިސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް ވަޒީފާގެ ބިރު ދައްކަމުން ކަމަށާއި ވަޒީފާގެ ބިރު ދެއްކުން އެއީ ސަރުކާރު ފެއިލްވެ ގޮތް ހުސްވުމުން ކުޅޭ ފަހުކުޅި ކަމަށް މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
މަނަދޫގައި ވާހަކަފުޅުދައްކަވަމުން ޠާރިޤް މިއަދު ވިދާޅުވީ ބިރުދައްކައިގެން ރައްޔިތުންގެ ތާއީދެއް ނުހޯދޭނެ ކަމަށާއި ވޯޓެއް ވެސް ނުހޯދޭނެ ކަމަށެވެ. ވަޒިފާގެ ބިރަށް ނުނުކުމެ މަޑުކުރި ނަމަވެސް ވޯޓުލާ ދުވަހު ރައްޔިތުން ވޯޓުލާނީ އެމީހަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ކަމަށެވެ.
ޠާރިޤް ވިދާޅުވީ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ދުވަސްވަރު ސަރުކާރާއި ދެކޮޅަށް ބޮޑެތި ކަންކަމުގައި އަތް ނަގައިގެން ވެސް ވޯޓު ދެއްވާފައިވާނެ ކަމަށާއި ނަމަވެސް އަދާކުރެއްވި ސަރުކާރުގެ ވަޒީފާއިން ވަކި ނުކުރާ ކަމަށެވެ. ނަމަވެސް މިއަދު ކަންތައްތައް ވަމުން މިދަނީ މުޅިން ތަފާތުކޮށް ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުދޭނީ ކޯލިޝަނުގެ ކެންޑިޑޭޓަށްކަން ރައީސް ޔާމީނަށް މިހާރުވެސް ޔަޤީން ކުރެއްވޭނެ ކަމަށާއި އިންތިޚާބުގައި ބޮޑު ތަފާތަކުން ކޯލިޝަނަށް ކާމިޔާބު ލިބޭނެ ކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.