އިލެކްޝަންސް ކޮމިޝަނަށާ ސަރުކާރަށް އިތުބާރެއް ނުކުރަން - އިތުބާރުކުރަނީ ރައްޔިތުންނަށް: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އިލެކްޝަންސް ކޮމިޝަނަށާ ސަރުކާރަށް އިތުބާރެއް ނުކުރަން - އިތުބާރުކުރަނީ ރައްޔިތުންނަށް: އިބޫ
އިލެކްޝަންސް ކޮމިޝަނަށާއި ސަރުކާރަށް އިތުބާރު ނުކުރައްވާ ކަމަށާއި އިތުބާރުކުރައްވަނީ ރައްޔިތުންނަށް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

މަނަދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ މިއަދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ އެއްވެސް ކަމެއް އިންޞާފުވެރިކަމާއިއެކު ކުރިއަށް ގެންގޮސްފާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށާއި ސަރުކާރަށް އިތުބާރު ނުކުރައްވާ ކަމަށެވެ.

އިބޫ ވިދާޅުވީ ރައްޔިތުންނަށް އިތުބާރު ކުރައްވާ ކަމަށާއި ވޯޓު ދޭނީ އެމަނިކުފާނަށް ކަމާއިމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އިތުބާރު ކުރަނީ ރައްޔިތުންނަށް. ރައްޔިތުން ތިބީ އަނިޔާ އާއި ވައްކަމާއި ކޮރަޕްޝަނުން އަދި ބޭއިންޞާފުން ޤައުމު ސަލާމަތްކޮށް މިނިވަންކުރަން ކަމާއިމެދު އަޅުގަނޑު އެއްވެސް ވަރަކަށް ޝައްކެއް ނުކުރަން."

އިބޫ ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު ހަމައެކަނި އެ މަޝްރޫޢުންވެސް ވަނީ ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިފައި ކަމަށެވެ. އަދި ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއަކުންވެސް ކޮރަޕްޝަނަށް އެތައް ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުން މިފަދަ ހުރިހާ މައްސަލަތަކެއް ބަލައި ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ ހޯއްދަވާނެ ކަމަށެވެ. "މިއީ ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ. ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން ހުރި ފައިސާ." ކަމަށެވެ.
މިއަދު އޮންލައިން