"ސަރުކާރުގެ ކުންފުނިތަކުގެ ބޯޑްތަކުން ފާސްކޮށްގެން ކުރާ ކަންކަމާއި ބެހެން ނެތިން" ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޟް އިބްރާހީމް އަރިހު ވިދާޅުވެފައިވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިމޭރުމުން ވިދާޅުވީ މިއަދު ނޮޅިވަރަންފަރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ނިޔާޒް އިބްރާހީމް ކަންބޮޑުވުން ފައުޅު ކުރެއްވީ 160 ރަށެއް އެމްއެމްޕީއާރުސީ އިން ދޫކޮށްގެން ނޫން ކަމަށާއި ކަންބޮޑުވުން ފައުޅު ކުރެއްވީ އެމްއެމްޕީއާރުސީ އާއި އެމްޕީއެލް އާއި ދެމެދު ބޭރު ފައިސާ ގަތުމުގެ ނަމުގައި މުޢާމަލާތުތަކެއް ކުރަމުން ގެންދާތީ ކަމަށެވެ.
"ނިޔާޒް ވިދާޅުވި ޑޮލަރު ދިނުމަށް އެމްއެމްޕީއާރުސީ އިން ވެފައިވާ އެއްބަސްވުމާއި އެއް ގޮތަށް ކަންކަން ނުހިނގާ ކަމަށް. އަދި މިއީ ކުރެވިގެންވާނެ ކަމެއް ނޫނޭ. މިކަން އެބަ ހުއްޓާލަން ޖެހެއޭ. މިއީ ދެއްކި ވާހާކައަކީ. އަޅުގަނޑު ބުނިން ބޭރުފައިސާގެ މުޢާމަލާތު ކުރުމުގެ ލައިސަންސް އެމްޕީއެލްއަށް އޮންނަނަމަ، އަދި އެކަން ކުރަން އެމްޕީއެލްގެ ބޯޑުން ނިންމާފަ އޮތްނަމަ އެއީ މައްސަލައެއް ނޫނޭ. އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުލިބި ލަސްވަމުންދާތީ ކަންބޮޑުވުން ފައުޅު ކުރެއްވީ. އަޅުގަނޑު ބުނިން ފެނިވަޑައިގަންނަވާގޮތަކަށް ތިކަން ކުރައްވާށޭ. ފެނިވަޑައިގަންނަވާ ގޮތަކަށް އެކަންކަން ކުރައްވާފަ ނިމިގެން ދިއައިމަ މިއަދު މަޤާމުން ދުރުވެ އެހުންނެވީ." ރައީސް ޔާމީން ވިދާޅުވިއެވެ.
މިވާހަކަފުޅު ދެއްކެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިޔާޒް އިބްރާހީމްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި މަޤާމުން ދުރުކޮށްފައިވާއިރު ޑޮލަރު ގަތުމަށް އެމްޕީއެލް އިން އެމްއެމްޕީއާރުސީއަށް ދިން އެތައް މިލިއަން ރުފިޔާއަށް ޑޮލަރު ނުލިބުމުން ކުންފުންޏަށް މާލީ އެތައް ދަތިތަކެއް ކުރިމަތިވެފައިވާކަން ދާދިފަހުން ކުންފުނީގެ އޮފިޝަލަކު ވަނީ ހާމަކުރައްވައިފައެވެ.