ރައްޔިތުން ނުކުމެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ވޯޓޫލުމުން އެކަނި މިފަހަރު ނުނިމޭނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ނ. ޅޮހީގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުންނާއި އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ފެންނަމުން އަންނަ ކަންކަމަށް ބައްލަވާއިރު ވޯޓުލުމަށްފަހު އެ ވޯޓަށްވާގޮތްވެސް މިފަހަރު ބަލަންޖެހޭކަމަށެވެ. އެހެންކަމުން ވޯޓުފޮށި ބަންދުކޮށް ގުނައި ނިމެންދެން ވަރަށް ބޮޑަށް ފާރަވެރިވާންޖެހޭ ކަމަށެވެ.
"މިފަހަރަކު ނެތް ވޯޓުލުމުން އަދި ނިމުނީ ކަމަށް ބަލައި ނިންމައި ލެވޭކަށް. ގެއަށް ނުގޮސް ތިބެގެން ލީ ވޯޓަށް ވާނުވާ ބަލަން ވެސް އެބަޖެހޭ." އިބޫ ވިދާޅުވިއެވެ.
ޅޮހީގައި ދެއްކެވި ވާހަކަފުޅުގައިވެސް އިބޫ މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ނުލިބި ގެއްލެމުންދާ މައްސަލައެވެ. ދައުލަތަށް ލިބޭ އާމްދަނީން ވައްކަން ކުރާ ކަމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމެވެ. އިބޫ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރެއްގައި ދައުލަތަށް ލިބޭ އާމްދަނީ ގެއްލިގެން ނުދާނެ ކަމަށާއި ހޭދަ ކުރައްވާނީ ރައްޔިތުންނަށް ކަމަށެވެ.