އެހެން ދީންތަކަށް އަޅުކަން ކުރާ ތަންތަން ރާއްޖޭގަ ނުހަދާނެ ކަމުގެ ޔަޤީންކަން އިދިކޮޅު ފަރާތްތަކުން ދޭންޖެހޭ: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެހެން ދީންތަކަށް އަޅުކަން ކުރާ ތަންތަން ރާއްޖޭގަ ނުހަދާނެ ކަމުގެ ޔަޤީންކަން އިދިކޮޅު ފަރާތްތަކުން ދޭންޖެހޭ: ރައީސް ޔާމީން
އެހެން ދީންތަކަށް އަޅުކަން ކުރާ ތަންތަން ރާއްޖޭގައި ނުހަދާނެ ކަމުގެ ޔަޤީންކަން އިދިކޮޅު ފަރާތްތަކުން ދޭންޖެހޭ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހދ ނޮޅިވަރަންފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޤާނޫނުގައި އިސްލާމް ދީން މަތިވެރިކުރުމުގެ ވާހަކަތައް ލިޔެފައިވީނަމަވެސް އެ ވާހަކަތައް ގިނަގިނައިން ދައްކަން ޖެހޭ ކަމަށެވެ.



ރައީސް ޔާމީން ވިދާޅުވީ ޝަހާދަތަކީ ވެސް ލިޔެވިފައިވާ އެއްޗެއް ކަމަށާއި ނަމަވެސް މައިން ކޮންމެ ރެއަކު ދަރިންނަށް ކިޔައިދޭ ކަމަށެވެ. އަދި ޝަހާދަތަކީވެސް ގިނަގިނައިން ކިޔަންޖެހޭ އެއްޗެއް ކަމަށެވެ. އެހެންކަމުން އިސްލާމް ދީން ހިމާޔަތްކޮށް މަތިވެރިކުރުމުގެ ވާހަކަތަކަކީ ގިނަގިނައިން ދައްކަންޖެހޭ ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީން މިމޭރުމުން ވިދާޅުވެފައިވާއިރު ބައެއް ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ ރިޒޯޓެއްގައި ބަހައްޓައިގެން އުޅޭ ބުދުތަކުން ވަރަށް ބޮޑު ކަންބޮޑުވުމެއް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ވަރަށް ބިރުހުރި ކަމެއްގެ ފެށުންކަމަށް ވުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.



24 ގަޑިއިރު ތެރޭ ބުދުތައް ނަގަން އެންގި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ބުދުތައް ބެހެއްޓީ ހުއްދަ ނަގައިގެން ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެތައް ދުވަހެއް ފާއިތުވެގެންދިއައިރުވެސް އެންމެ ބުދެއް ވެސް ނެގިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ޚަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި އެ ރިޒޯޓުގައި ހެދިތަނުގައި ވަނީ 30 އަށްވުރެ ގިނަ ބުދު ބަހައްޓައިފައެވެ. މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ޓޫރިޒަމް މިނިސްޓްރީގެ ތަރުޖަމާނާއި ތަކުރާރުކޮށް ސުވާލުކުރުމުންވެސް އަދި މިހައިތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
މިއަދު އޮންލައިން