ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ކެމްޕޭނަށް ފުލުހުންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވަމުންދާތީ އެކަމާ މެދު ފިޔަވަޅުތަކެއް އަޅައި ދޭން އެދި އެމްޑީޕީން އެކްޓިން ކޮމިޝަނަރަށް އަބްދުﷲ ނަވާޒަށް ސިޓީއެއް ފޮނުވައިފި އެވެ.
އެމްޑީޕީގެ ސިޓީގައި ބުނީ ކެމްޕޭނަށް މާލެ އާއި ބައެއް ރަށްރަށުގައި ޕޯސްޓަރާއި ބެނާ އާއި ދިދަތައް ދެމުމުގައި ފުލުހުންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށާޢި ޕޯސްޓަރު ނުޖެހޭނެކަން އަންގައި ބެނާތަކާއި ދިދަ ވެސް ނުދެމޭނެކަން އަންގައި އެ ތަކެތި ނަގައި، ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރިޔާސީއިންތިހާބަށް ކުރިމަތި ލައިފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކެމްޕޭން ކުރުމުގެ ފުރުސަތު ހުރިހާ މުއައްސަސާތަކަށް ލާޒިމުކޮށްފައިވާ އިރު ފުލުހުންގެ ފަރާތުން ކެމްޕޭނަށް ހުރަސް އެޅުމަކީ ހިތާމަ ކުރި ކަމެއް ކަމަށާއި ހާއްސަ ގޮތެއްގައި ގާނޫނުގެ ބާރު ދަމަހައްޓަން ހުވާކޮށްގެން ތިބި ފުލުހުންގެ ކިބަައިން މިފަދަ އަމަލުތައް ފެނުމަކީ ނުހަނު ހިތާމަ ހުރި ކަމެއް ކަމުގައި ދަންވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކެމްޕޭން ކުރުމަށް އިންސާފުވެރިކަމާ އެކު ޖާގަ ދީ ވާދަވެރި މިނިވަން އިންތިހާބަކަށް ފަހި މާހައުލެއް ފުލުހުންގެ ފަރާތުން ކަށަވަރުކޮށްދީ، އެއްބާރުލުން ދިނުމަށް ވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.