ހަމައެކަނި ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވެރިކަން ނުކުރެވޭނެ ނަމަ އަވަހަށް އިސްތިއުފާ ދެއްވަން ރައީސް ޢަބްދުﷲ ޔާމީނަށް އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ގޮވާލައްވައިފި އެވެ.
ކޯލިޝަނުން މިރޭ ނ. ލަންދޫގައި ބޭއްވި ޖަލްސާގައި ޢަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނަނީ ވެރިކަމުގެ ބާރުތައް ވަކި ކުރެވިފައިވާ ކަމަށް ކަމަށެވެ. "ވެރިކަން ކުރުން މިވަނީ 3 ބައަކަށް ބެހިފައި. 3 ބާރު ވަނީ ވަކިކުރެވިފަ. އެއްބާރުން އަނެއް ބާރަށް އަރައިގަނެވޭ ގޮތަކަށް ނޫން އޮތީއަކީ."
ޢަލީ ޒާހިރު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ޤާނޫނު އަސާސީ އާއި އެއްގޮތަކަށް ވެރިކަން ކުރަން ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރަނީވެސް ޤާނޫނު އަސާސީ އާއި އެއްގޮތަށް ވެރިކަން ކުރަން ކަމަށެވެ. ޢަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކުރީ ވެސް ޤާނޫނު އަސާސީ އާއި އެއް ގޮތަށް ވެރިކަން ކުރަން ކަމަށެވެ.
ޢަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ނިންމާފައިވާ ގޮތަށް، 3 ބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމަށް ވެރިކަން ކުރެއްވުމުގެ ޤާބިލުކަން ރައީސް ޢަބްދުﷲ ޔާމީނުގެ ކިބައިގައި ނެތްކަމަށް އަމިއްލަފުޅަށް ޤަބޫލުފުޅު ކުރައްވާނަމަ ރާއްޖޭގެ ވެރިކަން ކުރައްވަން އުޅުއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންކަމުން ހުރީހާ ބާރުތަކެއް ލިބިގެން ނޫނީ ވެރިކަން ނުކުރެއްވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާނަމަ މިހާރުން މިހާރަށް ވެސް އިސްތިއުފާ ދެއްވަން ގޮވާލައްވާ ކަމަށެވެ.
ހދ. ނޮޅިވަރަންފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ "ދައުލަތް ހިންގައިދެވޭނީ ދައުލަތް ހިންގަން ރައްޔިތުން އިންތިޚާބުކުރާ މީހާގެ އަތުގައި ހުރިހާ ބާރުތަކެއް އޮތިއްޔާ. އޭނަ ހަމައެކަނި ތެދުވެރިވާން ޖެހޭނީ އޭނަ ކުރިމަތީގަ ޤާނޫނު އަސާސީ އާ އެއްގޮތަށް ޤާނޫނީ ސަރުކާރެއް ދެމެހެއްޓުމަށާ އިސްލާމީ އުޞޫލުތައް ދެމެހެއްޓުމަށާ އިންޞާފު ޤާއިމުކުރުމަށް." ކަމަށެވެ.
ޢަލީ ޒާހިރުގެ ވާހަކަފުޅު (އޯޑިއޯ):