އަތުގައި ފައިސާ ނެތިގެން ބޯހިޔާވަހިކަން ނުލިބި ހަމަ އެކަކަށްވެސް ބާކީވާން ނުޖެހޭނެ ކަމަށާއި ކުލި ދެއްކެން ނެތް މީހުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށް ދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ނ. ލަންދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ސޯޝަލް ހައުސިންގއަކީ އެއިރެއްގައި އޮންނަ ވެރިކަމަކުން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ފޯރުކޮށްދޭންޖެހޭނެ އަސާސީ ޚިދުމަތެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. "ފޯރުންތެރިކަން ކުޑަ ބައަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެއިރަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭނެ ކަމެއް. އެމަސައްކަތް އަޅުގަނޑުމެން ފަށާނީ އެކަމަށް ޤާނޫނެއް ފާސްކޮށްގެން. އެކަން ކުރާނެ ގޮތް ވަރަށް ތަފްޞީލުކޮށް އެ ޤާނޫނުގައި ލިޔާނަން. އެއަށްފަހު ސޯޝަލް ހައުސިން ފޯރުކޮށްދޭން ކުންފުންޏެއް އުފައްދާނަން. އެކަމަށް ޚާއްޞަ މުއައްސަސާއެއްވެސް އުފައްދާނަން. ގެދޮރު ބޭނުންވާ މީހުން އެ މުއައްސަސާއިން 3 ކެޓަގަރީއަކަށް ބަހާލާނަން."
އިބޫ ވިދާޅުވީ އަތުގައި އެއްވެސް ފައިސާއެއް ނެތް، އަދި ކުލި ދެއްކެން ނެތް އެންމެންނަށް މުޅިން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ. އެފަރާތްތަކުން އާމްދަނީ ހޯދައިގެން ކުލި ދެއްކޭވަރުވަންދެން ސަރުކާރުން އެކަން ކޮށްދޭނެ ކަމަށެވެ.
އިބޫ ވިދާޅުވީ ލިބޭ އާމްދަނީން ކުލި އެކުގައި ދައްކައިގެން ބޯހިޔާވަހިކަން ހޯދުމުގެ ޤާބިލުނެތް ފަރާތްތަކަށް ސަބްސިޑީ ހޯއްދަވައި ދެއްވާނެ ކަމަށެވެ. "އެއިރުން ލިބޭ އާމްދަނީން ކުލި ދައްކައިގެންވެސް ޢާއިލާ އާއިއެކު ތާހިރު ދިރިއުޅުމެއް އުޅެވޭނެ."
އިބޫ ވިދާޅުވީ އަތުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުރިނަމަވެސް އެޑްވާންސް ދެއްކެން ނެތް، އަދި ލޯނު ލިބޭނެ ގޮތް ނެތް ފަރާތްތަކަށްވެސް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެ ކަމަށެވެ. "އެގޮތުން އިންސްޓޯލްމަންޓް ކުޑަކޮށް ދެވޭ ލޯނުގެ އިންޓަރެސްޓް 6 އިންސައްތައަށް އަޅުގަނޑުމެންގެ ވެރިކަމުގައި ކުޑަކުރެވިގެންދާނެ."
އިބޫ ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ 20،000 ޢާއިލާ މިހާރުވެސް އެބަތިބިކަމަށާއި މިއީ ގިނަ އަދަދެއްގެ ބައެއް ކަމަށެވެ. އެހެންކަމާއިއެކުވެސް މިއީ ކުރެވޭނެ ކަމެއް ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ އެބަހުރި ކަމަށެވެ. ރޭވިފައިވާ ސިޔާސަތެއްގެދަށުން ކުރީމާ ކުރެވޭނެ ކަމެއް ކަމަށެވެ.
މިރޭ ވެސް އިބޫ ވިދާޅުވީ މައްސަލައަކީ ހަމަ އެންމެ މައްސަލައެއް ކަމަށާއި އެއީ ދައުލަތަށް ލިބޭ ފައިސާއިން ވައްކަން ކުރުން ކަމަށެވެ.
އިބޫގެ ވާހަކަފުޅު (އޯޑިއޯ):