އަލްހާންގެ ވާހަކަފުޅުގައި ހާމަކުރެއްވީ އައްޑޫ ސިޓީގައި ސާކުގެ 8 ޤައުމު ތަމްސީލުކުރަން ބެހެއްޓީ ބުދު ނޫން ކަމަށާއި އަދި އެކަން ކުރީ ބުދު ބަހައްޓައި ބުދަށް އަޅުކަން ކުރާ ތަންތަން ހެދުމުގެ ނިޔަތުގައި ނޫން ކަމަށެވެ. ޤައުމުތަކުގެ ޘަޤާފަތް ދައްކަވައި ދިނުމަށް އަދިވެސް އެފަދަ ކަންކަން ކުރާނެ ކަމެވެ.
އެއިގެ ފަހުން ﷲ ތަޢާލާ އޭނާ އާއިމެދު ކަންތައްތައް މިންވަރު ކުރެއްވެވި ގޮތް ވެސް ވަނީ ފެނިފައެވެ. ސިޔާސީ ސަފުންވެސް ވަނީ ގެއްލިފައެވެ. އަނިޔާވެރި ހަމަލާތަކެއްވެސް ހަށިގަނޑަށް ލިބުނީ އެވެ. ނުކުޅެދޭ ހާލަތުގައި އެތައް ދުވަހެއް ވަންދެން އުޅުމަށްފަހު ނުކުޅެދޭ މީހަކަށް ނުވެ ސަލާމަތް ވެވުނީ ހަމަ ކިރިޔާއެވެ. ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުންނެވެ.
އަލްހާން ފަހުމީ އަކީވެސް އިސްލާމް ދީން ފުދޭވަރަށް ދެނެވަޑައިގަންނަވާ ޒުވާނެކެވެ. އިސްލާމް ދީން ކިޔަވައި ވިދާޅުވި ޒުވާނެކެވެ. ޤާނޫނީ ގޮތުން އުސްތާޛެކެވެ. އެހެންކަމުން ވިދާޅުވެވުނު ބަސްތަކަށް ތައުބާވެފައިވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ތައުބާވުމުން އެމީހަކަށް ނިއުމަތްތައް ﷲ ތަޢާލާ މިންވަރު ކުރައްވަވައެވެ.
އަލްހާން މިއަދުވެސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއްގައި ބުދު ބެހެއްޓުމާއި ދެކޮޅު ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެދުވަހުވެސް އެވާހަކަފުޅު ދެއްކެވީ ރާއްޖޭގައި ބުދު ބަހައްޓަން ތާއީދު ކުރެއްވުމަށް ނޫން ކަމަށެވެ.
މިއީ މިއަދުވެސް ވިސްނައިލުން ހަމަ ވަރަށް މުހިންމު ހާދިސާއެކެވެ. ރާއްޖޭގެ ރިޒޯޓެއްގައި 30 އަށްވުރެ ގިނަ ބުދު ބެހެއްޓުމުން އެކަން ދިފާޢުކޮށް ވަކާލާތުކުރާ މީހުން ވިސްނައިލުން ހަމަ މުހިންމު އަދިވެސް ހޫނުކަންހުރި ދިރިހުރި މިސާލެކެވެ. ހަމަ މި ދިވެހިރާއްޖޭގައި މީގެ އެންމެ 7 އަހަރުކުރިން އެންމެންގެ ލޯމަތީގައި ހިނގާފައިވާ ކަމެކެވެ.
މީހަކު މުންކަރާތަކަށް އަރައިގަތުމުން، އިލާހީ ޙުކުމްފުޅުތަކާއި ދެކޮޅަށް ބަސްތައް ބުނުމަކުން ހަމަ ވަގުތުން ކޯފާ ބާވައި ނުލެއްވެވުމަކީ އެކަންކަން ﷲ ތަޢާލާ ހަމަ ވަގުތުން ބައްލަވައިވޮޑިގެން ނުވުމެއް ނޫނެވެ. ﷲ ތަޢާލާ އެމީހަކަށް މިންވަރުފުޅު އެ ކުރައްވަވަނީ ތައުބާ ވުމުގެ ފުރުޞަތެވެ. މީސްތަކުންނަށް އޮތީ ޢިބްރަތް ހާޞިލުކޮށް އަބަދުވެސް ތައުބާވުންމަތީގައި ދެމިތިބުމެވެ.
އެއްވެސް އިންސާނަކީ ކުށްކުރުމުން ސަލާމަތްވެވިގެން ހުންނާނެ ފުރިހަމަ މީހެއް ނޫނެވެ. ކުށެއް ކުރެވުމުން އެ ކަން ފަތުގައި ނުލިޔުއްވައި އެމީހަކު ތައުބާވޭތޯ ބައްލަވަން މަލާއިކަތް ބޭކަލުން އިންތިޒާރުުރައްވަވާކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. ދީނީ ޢިލްމުވެރިން ވިދާޅުވަނީ ފަތުގައި ލިޔުއްވަވަނީ ތައުބާ ނުވި ނަމަ ކަމަށެވެ. ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ ތައުބާވުމަށް 6 ގަޑިއިރުގެ މުހުލަތެއް ދެއްވަވާ ކަމަށެވެ.
ފަތުގައި ލިޔުއްވަވަނީ އެ ވަގުތުގައި ތައުބާ ނުވިނަމަ ކަމަށެވެ.