ދިވެހި ދައުލަތަށް ލިބޭ އާމްދަނީން އިސްރާފް ނުކުރާނަމަ މިހާރުވެސް ރާއްޖެ އޮންނާނީ އެންމެެ ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގއި ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ރ. ރަސްގެތީމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކުން ވައްކަން ކުރުމާއި އިސްރާފުކުރުން ހުއްޓާލީމައި ރާއްޖޭގެ ތަރައްޤީގެ ދުވެލި 3 ގުނަ ބާރު ކުރެވޭނެ ކަމަށެވެ. "1.5 މިލިއަން ޑޮލަރަށް އެޅޭނެ ނަރުދަމާ އަލަމުން އެގެންދަނީ 3 މިލިއަން ޑޮލަރަށް. ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތް ދިނުމުގައިވެސް މިފެންނަނީ އިސްރާފު ދެގުނައަށް ބޮޑުވެފައިވާތަން."
އިބޫ ވިދާޅުވީ ޑިމޮކްރަސީއެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތްކުރުމަކީ އެންމެ މުހިންމު އެއް ތަނބު ކަމަށާއި ކޯލިޝަނުގެ ސަރުކާރެއްގައި އިދިކޮޅު ފަރާތްތަކުން ފާޑުކިޔުމަށް ފުރިހަމައަށް ފުރުޞަތު ދެއްވާނެ ކަމަށާއި އަދި އެކަމަށް މަރުހަބާ ވިދާޅުވާނެ ކަމަށެވެ.
އިބޫ މިއަދުވެސް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގައި އެއްވެސް ރަށެއްގެ ނުވަތަ ދާއިރާއެއްގެ ސިޔާސީ ވިސްނުމަށް ނުބައްލަވާނެ ކަމަށާއި ތަރައްޤީގެ މަޝްރޫއުތައް ހިންގަވާނީ ހަމަހަމަ ކަމާއިއެކުގައި ކަމަށެވެ.
ރަސްގެތީމަކީވެސް ވަރަށް ގިނަ އަސާސީ ބޭނުންތައް ފުއްދައި ނުދެވި އޮތް ރަށެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރަކުން އެއްވެސް ރަށެއް ބާކީ ނުކުރައްވާނެ ކަމަށާއި ރަސްގެތީމު ވެސް ތަރައްޤީ ކުރައްވާނެ ކަމަށެވެ.