މިއަހަރުގެ ރިޔާސީ އިންތިހާބުގެ ހުރިހާ މައުލޫމާތެއް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބިފައިވާކަން ކަށަވަރު ވެއްޖެ ކަމަށާއި އެހެން ކަމުން ކުރިއަށް މިއޮތް އިންތިހާބުގެ ސައްޙަކަން މިހާރު މުޅިން ގެއްލިއްޖެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއިއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުޙައްމަދު އަސްލަމް ވިދާޅުވީ ރިޔާސީ އިންތިހާބު މިހާ ކައިރި ވެފައިވަނިކޮށް އިންތިހާބާއި ބެހެ ހުރިހާ މައުލޫމާތުތަކެއް ރައީސް ޔާމީން އޮފީހަށް ލިބިފައިވާކަން ކަށަވަރު ވެއްޖެ ކަމަށާއި އެކަމާއިމެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.
މިކަންބޮޑުވުން މިއަދު އީސީގެ ރައީސް އާއި ހިއްސާ ކުރެއްވުމުން، އެކޮމިޝަންގެ ރައީސް ވެސް ހުންނެވީ މިކަމާއިމެދު ބުނާނެ އެއްޗެއް ނޭނގިފައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުން އަސްލަމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަވަށްޓެރި ޝްރީލަންކާގައި ރީރެޖިސްޓްރީ ކުރި 1000 އަށްވުރެ ގިނަ ފޯމުގެ މައުލޫމާތުތައް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބިފައިވާކަން ކަށަވަރުވެ ޔަގީންވީ އެފޯމްތައް ރަޖިސްޓްރީ ކުރުމަށް މާލެ ގެނެސް އިލެކްޗަންސް ކޮމިޝަނަށް ހުށަހެޅީ އެކޮމިޝަންގެ އެދުމުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ގަސަމްގެ ފޯނު ނަންބަރު ޖެހުމަށްފަހު ކަމަށެވެ. މިއަދާއި އިއްޔެއާއި އަދި ރޭ ވެސް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން އެފޯމްތަކުގެ މައުލޫމާތު ހޯދުމަށް ގަސަމްއަށް ތަކުރާރުކޮށް ގުޅަމުން އަންނަ ކަމަށާއި އެހެންކަމުން މިއީ އެމައުލޫމާތުތައް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ދީފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
މިއަށްވުރެ ބޮޑު ވައްކަމެއް ނޯންނާނެ ކަމަށާއި މިއީ ހަމަ ސީދާ ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އީސީގެ ރައީސާއެކު ބައްދަލުވުން ބޭއްވި ވަގުތުވެސް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ދެ ތިން ފަހަރަކު ގަސަމް އަށް ގުޅި. އެވަގުތު އީސީގެ ރައީސް ވެސް އިންނެވި. އީސީގެ ރައީސް އަށް އަޑުއިވޭގޮތަށް އެކޯލް ލައުޑްއަށް ލައިގެން ގަސަމް ވާހަކަ ދެއްކެވުމުން ޝަރީފް އިންނެވީ ބުނާނެ އެއްޗެއް ވެސް ނޭގިފަ. އެކަމަކު މިއީ އީސީ އަށް އަޅުގަނޑުމެން ހުށަހެޅި ފޯމުތަކެއް. ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަކަށް ނޫން އަޅުގަނޑުމެން މިފޯމްތައް ހުށަހެޅީ. މިއީ މިހާތަނަށް ކޮށްފައިވާ ބޮޑު ވައްކަމެއް. މިކަން އަޅުގަނޑުމެން މިދަނީ ބަލާ ކަމާއިބެހޭ ފަރާތްތަކަށް މިމައްސަލަ ހުށަހަޅަމުން" އަސްލަމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި ބެހޭ މައުލޫމާތުތައް ރައީސް ޔާމީން އޮފީހަށް ހިއްސާ ކުރި ފަރާތެއް ހޯދާ، އެފަރާތްތަކާއިމެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.