ޢަދުލު އިންޞާފަކީ ގަނެ ވިއްކާ އެއްޗެއްގެ ގޮތުގައި ބާއްވައިގެން ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ރ. ވާދޫގައި އިބޫ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ނުދީ ގެނެވޭނެ ތަރައްޤީއެއްވެސް ނޯންނާނެ ކަމަށާއި އަދި ބޯހިޔާވަހިކަން ނެތިވެސް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ ކަމަށެވެ.
އިބޫ ވިދާޅުވީ އެހެންކަމުން މިކަންކަން ފުރިހަމަކުރުމަށްޓަކައި ރޭވިފައިވާ ޕްލޭނެއް އެބައޮތް ކަމަށެވެ. އެގޮތުން ކުރާނެ ފުރަތަމަ ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި ދެވަނަ ކަމަކީ އިންސާފު ހޯދައި ދިނުން ކަމަށާއި ތިންވަނަ ކަމަކީ، ގެއްލިފައިވާ އަދި ވަގަށް ނަގާފައިވާ ރައްޔިތުންގެ ފައިސާ ހޯދައިދިނުން ކަމަށްވެސް އިބޫ ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެކުއެކީގަ ފަށާނެ މަސައްކަތްތައް."
އިބޫ ވިދާޅުވީ ރީރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމްތައް އެހެން ކެންޑިޑޭޓަކަށް ލިބި ފޯމްތަކުގައިވާ މީހުންނަށް ގުޅަމުން ގެންދާތީ އިލެކްޝަންސް ކޮމިޝަނުގެ ޞައްޙަކަން މިހާރު ވަނީ އެކުގައި ގެއްލިފައި ކަމަށެވެ. އެހެންކަމާއިއެކުވެސް މާޔޫސްވެވަޑައި ނުގަންނަވާ ކަމަށާއި ރައްޔިތުންގެ ތާއީދާއި ﷲ ތަޢާލާގެ ވާގިފުޅާއިއެކު އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމާއިމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރައްވާ ކަމަށެވެ.