ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އިލެކްޝަންސް ކޮމިޝަނަކުން ނޫން ކަމަށާއި މާތް ﷲ ވާގިފުޅާއިއެކު އިންތިޚާބު ކާމިޔާބު ކުރާނީ ކޯލިޝަނަށް ތާއީދުކުރާ ރައްޔިތުން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ރ. ކިނޮޅަހުގައި ވާހަކަފުޅު ދައްކަވަމުން އެރަށަކީ އަދާލަތު ޕާޓީއަށް ތާއީދުކުރާ ވަރަށް ގިނަ ބައަކު އުޅޭ ރަށެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ މިހާރު އުފެދިފައިވާ ކޯލިޝަނަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ފިކުރެއް ގުޅިގެން އުފައްދާފައިވާ ކޯލިޝަނެއް ކަމަށާއި ހުރިހާ ރަށެއްގެ ބޮޑު އަޣުލަބިއްޔަތެއް ތާއީދު ކުރަނީ ކޯލިޝަނަށް ކަމަށެވެ.
އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ވިދާޅުވީ ކިނޮޅަހު ރައްޔިތުންގެ 98 އިންސައްތަ ރައްޔިތުންގެ ތާއީދު ކޯލިޝަނަށް ލިބޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.
ކިނޮޅަހަކީ އިސްލާމް ދީނުގެ ކަންކަމަށް ވަރަށް ލޯބިކުރާ އިސްލާމް ދީނަށް ލޯބިކޮށް އަމަލުކުރާ ގިނަ ބައަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރެވެއެވެ.