ރައީސް ޔާމީނުގެ ވެރިކަމުގައި ފާއިތުވި 5 އަހަރު ތެރޭ 100 ބިލިއަނަށްވުރެ ގިނަ ރުފިޔާ ރައްޔިތުން ވަނީ ސަރުކާރާއި ހަވާލުކޮށްފައި ކަމަށާއި ރަށްތަކުން އެކަށީގެންވާ ތަރައްޤީއެއް ފެންނަން ނެތް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މި ފައިސާއަކީ ސީދާ ރައްޔިތުން ބުރަ މަސައްކަތްކޮށްގެން ހޯދުމަށްފަހު ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކާފައިވާ ފައިސާ ކަމަށެވެ.
އިބޫ ވިދާޅުވީ މީގެ އިތުރުން 5 އަހަރު ތެރޭގައި ރައްޔިތުން ދަރަނިވެރިކުރުވާފައި ނެގި އެތައް ހާސް މިލިއަން ޑޮލަރުގެ ލޯނު ހިމެނޭއިރު މި ފައިސާތަކުން ރައްޔިތުންނަށް ކޮށްދީފައިވާ ކަންކަމުގެ އަގާއިމެދު އުފެދޭ ސުވާލުތައް ވަރަށް ގިނަ ކަމަށެވެ.
އިބޫ ވިދާޅުވީ މަޖިލީހަށް ބަޖެޓު ހުށަހެޅުމުން އެއިގައި ހިމެނޭ ކަމަކާއިމެދު ސުވާލުކުރުމުގެ ފުރުޞަތުވެސް އިދިކޮޅު މެންބަރުންނަށް ނުލިބޭ ކަމަށެވެ. "ސުވާލު ކުރިނަމަވެސް ޖަވާބެއް ނުދެއްވާ. 23 ސެޕްޓެމްބަރުގެ ފަހުން ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާނެ."
އިބޫ ވަނީ ޤާނޫނީ އިމުގެ ތެރެއަށް ވަޑައިގަތުމަށް ރައީސް ޔާމީނަށް ގޮވާލައްވައިފައެވެ. "ޤާނޫނާ ޚިލާފަށް ކުރެއްވި ގިނަ ކަންތައްތަކަކަށް އެމަނިކުފާނު އިއުތިރާފްވެވަޑައިގެންފަ. އެމްއެމްޕީއާރުސީގެ މައްސަލަ. ގެކޮޅަށް ވަން ފައިސާގެ މައްސަލަ. މަގުތަކުގައި ޝަހީދުކުރެވިގެން ދިއަ މީހުންނާއިމެދު ދައްކަވާފައިވާ ވާހަކަފުޅުތައް. މިފަދަ ގިނަ ކަންތައްތަކަކަށް ޖަވާބު ދެއްވަން އެމަނިކުފާނަށް ޖެހިވަދައިގަންނަވާނެ. ޤާނޫނުގެ ތެރެއަށް އެނބުރިވަޑައިނުގަންނަވާނަމަ 23 ސެޕްޓެމްބަރު މަހުގެ ފަހުން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ވަރަށް ދެރަ އަދި ވަރަށް އަސަރު ކުރުވަނިވި ކަންތައްތަކަކާ."
އިބޫ ވިދާޅުވީ ރައީސް ޔާމީން ވަނީ ޤަނޫނުތައް ބަދަލުކުރައްވައިގެން ވަރަށް ގިނަ ކަންތައްތަކެއް ކުރައްވާފައި ކަމަށެވެ. އެގޮތުން ކުރެއްވެވި ފުރަތަމަ ކަމަކީ މާލިއްޔަތުގެ ޤާނޫނަށް ބަދަލު ގެނެސް ހުރިހާ ބާރުތަކެއް އަމިއްލަފުޅު ބާރުގެ ދަށަށް ގެންދެވުން ކަމަށެވެ. އަދި ޤާނޫނަށް ބަދަލު ގެނެސް މީޑިއާތަކުގެ ދޫ ބަންދުކޮށްފައިވާ ކަމަށާއި އެއީ ޑިމޮކްރަސީގައި ތަޅު އެޅުވުން ކަމަށެވެ. ޚުދުމުޚުތާރު ވެރިކަމެއްގައި ފުރަތަމަ ކުރާނެ ކަންތައް ކަމަށެވެ.