އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ސިހުރު ހަދާ ކަމަށްބުނެ ކުޅުދުއްފުށިން ހައްޔަރު ކުރި ހަތަރު މީހުން ތެރެއިން ދެމީހަކު ދޫކޮށްލައިފިއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި މިއަދު ދޫކޮށްލާފައިވަނީ ކުޅުދުއްފުށީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރ އިސްމާޢީލް އިބްރާހީމާއި އާންމުންގެ ތެރެއިން ހައްޔުރިކުރި 2 މީހުންގެ ތެރެއިން އެކަކެވެ.
މިދެމީހުންގެ މުއްދަތަށް ކުޅުދުއްފުށީ ކޯޓުން ޖަހާފައިވާ 7 ދުވަސް ހަމަވުމުން މިއަދު ކުޅުދުއްފުށީ ކޯޓަށް އެދެމީހުން ހާޒިރުކުރުމުން ކުށްސާބިތުނުވާކަމަށާއި އިތުރަށް މުއްދަތު ޖަހާދެވެން ނެތްކަމަށް ބުނެ އެދެމީހުންވަނީ ދޫކޮށްލާފަ އެވެ.
މިމީހުން ހައްޔަރުކޮށް، ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށް، ސިހުރު ހަދައި އެކަން ކުރާ ތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންވެ، އެ މީހުން ދިރިއުޅޭ ގެ ބަލައި، އެތަކެތި ހޯދުމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ސިހުރު ހަދާކަމުގެ ތުހުމަތުގައި ދޭތެރެ ދޭތެރެއިން މީހުން ހައްޔަރުކޮށް، އެކަމަށް ބޭނުންކުރާ ސާމާނު ފުލުހުން ހޯދަ އެވެ.