މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާންޖެހޭ 263،000 މީހުންގެ ޞައްޙަ ވޯޓަރސް ލިސްޓެއް ހޯދަން ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް ދިއުމުން ފުލުހުން ލައްވައި ކޮމިޝަނުގެ އިދާރާއިން ބޭރުކޮށްފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ޞައްޙަ ވޯޓަރސް ލިސްޓް ނުލިބި ބާޠިލުވިކަމަސް ބުނާ 5600 މީހުންގެ ލިސްޓް ޗެކު ނުކުރެވޭނެ ކަމަށެވެ. އަދި ވޯޓަރސް ލިސްޓަކީ ޢާންމުކުރަންޖެހޭ ލިސްޓެއް ކަމަށެވެ. "އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ އެ ލިސްޓުގެ ކޮޕީއެއް މުލީ އާގޭގައި އޮތް ކަމަށް. އަދި ރީރަޖިސްޓްރީ ކުރަން ހުށަނުއަޅާ މީހުންވެސް އެއްތަނުން އަނެއް ތަނަށް ބަދަލުކުރަމުން ގެންދާ ކަމަށް. ވެދާނެ މުލީއާގެއިން އެކުރާ މަސައްކަތް އަދި ނުނިމޭތީ ލިސްޓު ނުދޭން އުޅެނީ ކަމަށް. އަޅުގަނޑުމެން މިއެދެނީ ވޯޓަރސް ލިސްޓަށް ހަދާ ގޮތެއް ހަދާފައިވެސް ލިސްޓް ދިނުމަށް."
ނިޔާޒް ވިދާޅުވީ ފުލުހުން ބުނީ 5 ޖެހުމުން ކޮމިޝަން ބަންދުކުރާތީ ނުކުންނަން ޖެހެނީ ކަމަށެވެ. "އަޅުގަނޑުމެން ތިބީ ވޯޓަރސް ލިސްޓް ލިބުމުން ނޫނީ ނުނުކުންނަ ގޮތަށް. އެކަމަކު ފުލުހުން ބުނީމާ މިއަދު މިނުކުތީ." ނިޔާޒް ވިދާޅުވިއެވެ.