މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާންޖެހޭ މީހުންގެ ވޯޓަރސް ލިސްޓް ނުދީ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓަނީ ރައްޔިތުން ރުޅިގަދަ ކުރުވައިގެން ރައްޔިތުން ލައްވައި ހަމަނުޖެހުން ހިންގުވަން ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ކޯލިޝަނުން ވޯޓަރސް ލިސްޓް ހޯދަން އިލެކްޝަންސް ކޮމިޝަނަށް ގޮސްތިއްބައި ފުލުހުން މެދުވެރިކޮށް އެތަނުން ބޭރުކުރުމުން ސަމީރު ވިދާޅުވީ މިއަދު މަދު މީސްކޮޅެއް ވަރަށް ފަސޭހައިން ބޭރުކުރެވިދާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ އެއްޗެއް ނުދީ ހިފަހައްޓާނަމަ ހޯދަން ރައްޔިތުން އަންނާނެ ކަމަށާއި އެއިރުން ރައްޔިތުންގެ ގިނަ ބައަކު ބޭރުކުރަން ސަލާމަތީ ބާރުތަކަށްވެސް މައްސަލަތައް އިތުރުވާނެ ކަމަށެވެ.
ސަމީރު ވިދާޅުވީ ވޯޓުލާ ދުވަސް މިހައި ކައިރިވެފައިވާއިރު ކޮމިޝަނުން ސާފުކުރަން ބޭނުންވެގެން އަންނަ ކަންކަން ސާފުކޮށްދެވޭވަރުގެ އެންމެ މެންބަރަކު ނަމަވެސް ކޮމިޝަނުގައި އިންނަން ޖެހޭނެ ކަމަށެވެ. އަދި ޚިދުމަތްދޭ ވަގުތުވެސް އިތުރުކުރަންޖެހޭނެ ކަމަށެވެ. "މިއަދުވެސް ދެންމެ ޚަބަރު މިލިބުނީ ހުޅުމާލޭގައި ރީ ރަޖިސްޓްރީ ކުރަމުން ދިއަ މަރުކަޒެއް އެޗްޑީސީން އަންގައިގެން ބަންދުކުރުވައިފިކަން. ކޮމިޝަން ބަންދުކުރީ. މައްސަލަ ހުށަހެޅޭކަށް ނެތް. ދެން އެ މައްސަލަ ހިފައިގެން މާދަމާ ހުޅުވުނީމާ އަންނައިރު އެތައް ވަގުތެއް ގެއްލިގެން އެދަނީ."
ސަމީރު ވިދާޅުވީ އިންތިޚާބުގައި ވާދަކުރައްވާ ދެވަނަ ކެންޑިޑޭޓް، ޢަބްދުﷲ ޔާމީނަށް މަސައްކަތްކޮށްދޭ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތި މަސައްކަތްކުރެވޭ ކަމަށެވެ. ވޯޓަރސް ލިސްޓްވެސް ލިބޭ ކަމަށާއި ސިއްރު މައުލޫމާތުވެސް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިކާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށްވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.
ކިތަންމެ ގިނަ ހުރަސްތައް އިލެކްޝަންސް ކޮމިޝަނުން ކުރިމަތިކުރުވި ނަމަވެސް އިންތިޚާބުގައި ވޯޓުލާ ދުވަހު ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް ވޯޓުލާނީ ކޯލިޝަންގެ ކެންޑިޑޭޓް އިބޫއަށް ކަމަށާއި ބޮޑު ތަފާތަކުން ޢަބްދުﷲ ޔާމީން ބަލިކުރާނެ ކަމަށްވެސް ސަމީރު ވަނީ ވިދާޅުވެފައެވެ.