ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ޣައިރު ގާނޫނީ ވެރިކަމެއް ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގައި ގުޅިފައިވާ ކޯލިޝަނަށް އެންމެ ބޮޑު ތާއީދެއް އޮތް މަޑުއްވަރީއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވީ ދައުލަތް ހިންގޭނީ ހުރިހާ ބާރެއް ލިބިގެން ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ އެމަނިކުފާނުގެ ހަގީގަތް ކަމަށާއި ނަމަވެސް އެގޮތަށް ހުރިހާ ބާރެއް ރައީސް ޔާމީނަށް ދިނުމަކީ ރައްޔިތުން ގަބޫލުކުރާ ގޮތް ނޫން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގައި އެކަން އޮތް ގޮތް ނޫން ކަމަށެވެ.
ރައްޔިތުން ގާނޫނު އަސާސީ ބަލައިގަތީ ރައްޔިތުންގެ ވެރިކަމެއް މިރާއްޖޭގައި ކުރުމަށްކަމަށާއި މިއަދު ރައީސް ޔާމީން ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ގާނޫނު އަސާސީއާ ހިލާފަށްކަމަށް އިބޫ ވިދާޅުވިއެވެ. އަދި މިއީ ޣައިރު ގާނޫނީ ވެރިކަމެއް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
މިގައުމު މިއަދު ދަރާ ވިކިފައިވާ ކަމަށާއި ގައުމުގައި ހަމައެއް އިންސާފެއްވެސް ނެތްއިރު ސިޔާސީ ފިކުރު އެއްފަރާތްކޮށް ނިކުމެ ހުންނެވީ ގައުމަށްޓަކައި ގައުމުގެ މައްސަލަތައް އިސްލާހުކުރުމަށް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.