ރައްޔިތުން ސާބިތުވެ ތިބީމާ ރައްޔިތުން އެދޭ ބަދަލު ﷲ ތަޢާލާ ގެނެސްދެއްވާނެ: ފައިޞަލް
ރައްޔިތުން ޤައުމަށް ގެންނަން ބޭނުންވާ ބަދަލު ގެންނަން ކުރާ މަސައްކަތްތަކުގައި ރައްޔިތުން ސާބިތުވެ ތިބީމައި ރައްޔިތުން އެދޭ ބަދަލު ﷲ ތަޢާލާ ގެނެސްދެއްވާނެ ކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގައި ވެރިކަން ބަދަލުކުރަން ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ސާބިތުވެ ތިބުމަށް ރަނިންމޭޓް ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.
ށ. އަތޮޅަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކަނޑިތީމުގައި ވާހަކަފުޅުދައްކަވަމުން ފައިޞަލް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރަން ރައްޔިތުން ކުރާ މަސައްކަތުގައި ސާބިތުވެ ނުތިބެއްޖެނަމަ ހައްޤު ހޯދަން މަސައްކަތް ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް އެކުގައި ގެއްލިގެންދާނެ ކަމަށެވެ.
ކިތަންމެ ބޮޑެތި ޙައްޤުތަކަކަށް ސަރުކާރުން އަރައިގަތް ނަމަވެސް އެކަމުގެ ވާހަކަ ދައްކައިފިނަމަ އެމީހަކަށް އޮންނަން ޖެހޭނީ ޖަލުގެ ކުޑަގޮޅީގައި އަނިޔާ ލިބިލިބި ކަމަށެވެ.
ފައިޞަލް ވިދާޅުވީ އިންތިޚާބުގައި ހެދުނުހައި މަކަރެއް ހަދަން މަސައްކަތްކުރަމުން ގެންދާކަން އަންނަނީ ސާބިތުވަމުންް ކަމަށާއި އެކަމުގެ ހެކިތައް އަންނަނީ ލިބެމުން ކަމަށެވެ. ނަމަވެސް ރައްޔިތުން ސާބިތުކަމާއިއެކު ދެމިތިބިނަމަ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށާއި ދިވެހި ޤައުމު އަނބުރާ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.