އިންޞާފުލިބޭނީ ސިޔާސީ ކެންޕޭނު ނުކުރާ ފަނޑިޔާރުން ލިބިގެން ކަމަށް ގިނަ ބައަކު ބުނަމުން އެބަގެންދެއެވެ. މިފަދަ އަޑުތަކެއް ގަދަވެގެން މިދިއައީ ރާއްޖޭގައި ނެރޭ ބައެއް ނޫސްތަކުގައި އެފަދަ މައުލޫމާތުތަކެއް ޢާންމުކުރުމާއި ގުޅިގެންނެވެ.
"ރާއްޖޭގެ އެންމެ މަތީކޯޓުތަކުގެ ފަނޑިޔާރުން ރައީސް ޔާމީނަށް ކެންޕޭނުކޮށްދޭ ވާހަކަ މިއަޑުއިވެނީ. ޚަބަރާ ފޮޓޯތައް އެދަނީ ހާމަކުރަމުން. އެހެން ވީމާ ދެން ކިހިނެއްތޯ އަދުލުވެރި ޙުކުމެއް އިއްވާނެކަމަށް ޤަބޫލުކުރާނީ. ފަނޑިޔާރުންނަކީ ރައީސް ޔާމީނަށް ނޫނީ އެއިރަކު ވެރިކަމުގަ ހުންނަ މީހަކަށް ކެންޕޭނު ކޮށްދޭ ބައަކަށް ވެއްޖެނަމަ ވާނެ ގޮތްތައް ކިތަންމެ ރަނގަޅަކަށްވެސް މިރާއްޖެއިން ފެންނަމުން އަދި ތަޖުރިބާ ކުރެވެމުން މިދަނީ." ބައެއް މީހުން ބުނެފައިވެއެވެ.
ސިޔާސީ ކެންޕޭނުކުރިކަން މިހައިތަނަށް މީޑިއާތަކުގައި ހާމަކޮށްފައިވާ ފަނޑިޔާރަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދާދި ފަހުން ހަމަޖެއްސި ޢަބްދުﷲ ދީދީ އެވެ.
ބައެއް ރައްޔިތުންގެ އަޑުތައް މިމޭރުމުން ހުރިއިރު ކާނަލް މުޙައްމަދު ނާޒިމްގެ ކޮއްކޯފުޅު އާދަމް ޢާޒިމް ވިދާޅުވެފައިވަނީ އަދުލުވެރިކަން ނެތް ޤައުމެއްގައި ލިބޭނެ މިނިވަންކަމެއް ނެތް ކަމަށެވެ. ޤައުމަކީ މިނިވަން ޤައުމެއް ކަމަށާއި ޤައުމުގައި މިނިވަންކަން އެބައޮތް ކަމަށް ކިތަންމެ ގިނައިން ކިތަންމެ ބާރަށް ބުނަމުން ގެންދިއަ ނަމަވެސް މިނިވަންކަމެއް ނުލިބޭނެ ކަމަށާއި މިނިވަންކަން ލިބޭނީ އަދުލުވެރިކަމާއިއެކު ޙުކުމް ކުރާނަމަ ކަމަށެވެ. އަދި އަނިޔާ ލިބޭ މައްސަލަތަކަށް ކޯޓުތަކުން ޙުކުމް ކުރުން އަވަސްކޮށްދީގެން ކަމަށެވެ.
އާދަމް ޢާޒިމް ވިދާޅުވީ ބޭބޭފުޅު ކާނަލް މުޙައްމަދު ނާޒިމް ބަންދުކޮށް ޖަލުގައި ބަހައްޓަމުން ގެންދާ މައްސަލައަށް އެކަނި ބެލި ނަމަވެސް ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ޢަދުލުވެރި ފަނޑިޔާރުން ބޭނުންވެފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ. އަދި މިނިވަން ޕީޖީ އަކާއި ތަޙްޤީޤްތައް އިންސާފުވެރިކަމާއެކު ކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދޭނެ ފުލުހުންގެ މުއައްސަސާއަކާއި މީހުންނަށް ކުރާ އަނިޔާގެ މައްސަލަތައް މިނިވަންކަމާއިއެކު ބަލައި ފިޔަވަޅު އަޅައިދޭނެ ހިޔުމަން ރައިޓްސް ކޮމިޝަނެއް ބޭނުންވާ މިންވަރު އެނގިގެންދާ ކަމަށެވެ.
ގުޅުންހުރި މައުލޫމާތު ލިބޭ ދަ ޕްރެސްގެ ޚަބަރެއް:
https://thepress.mv/13511