ލ. ގަމުގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި، މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ރޭ 23:00 ހާއިރު ފުލުހުންގެ އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ދެ ފިރިހެނުންކަމަށެވެ.
މިހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގުމަށްޓަކައި ތައްޔާރުވެގެން ކާރެއްގައި ލ. ގަން ތުނޑި އާބާދުވި ސަރަޙައްދަށް ގޮސް އެސަރަޙައްދުގައި ތިއްބައިކަމަށާޢި އަދި ކާރުތެރެއިން މިމީހުން ހައްޔަރުކުރިއިރު އެމީހުން ތިބީ ކާކުކަން ނޭނގޭގޮތަށް މޫނުނިވައިކޮށްގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވަނީ މިމީހުން ހައްޔަރުކޮށް އެވަގުތު އެމީހުން ތިބި ކާރު ބަލައިފާސްކުރިއިރު ކާރުތެރެއިން ހުޑްތަކަކާއި ވަޅިއެއްގެ އިތުރުން ވިގެއް ފެނިފައިވާކަމަށެވެ.
މިމައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.