ދައުލަތުން ވަގަށް ނަގާފައިވާ ފައިސާތައް ހޯދުމަށް އެހީތެރިވާން އެމްޑީޕީން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދައުލަތުން ވަގަށް ނަގާފައިވާ ފައިސާތައް ހޯދުމަށް އެހީތެރިވާން އެމްޑީޕީން ފާސްކޮށްފި
އިދިކޮޅު ކޯލިޝަންގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން ވަގަށް ނަގާފައިވާ ކަމަށް ބިނާ ފައިސާ އާއި މުދާ ހޯދަން އެހީތެރިވެދިނުމަށް އިދިކޮޅު އެމްޑީޕީން މިއަދު ފާސްކޮށްފި އެވެ.

ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި އެމްޑީޕީގެ 165 ވަނަ ގައުމީ މަޖިލީހުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި އެ ގަރާރަށް ތާއިދު ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.

ގައުމީ މަޖިލީހަށް ވަޑައިގެން ތިއްބެވި 52 މެންބަރުންގެ އިއްތިފާގުން ފާސް ކުރި ގަރާރުގައި ބުނަނީ، މި ސަރުކާރުން ހިޔާނާތްތެރިވެފައިވާ ފައިސާ ހޯދުމަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވައުދެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމުގެ ފަންނީ ތަޖުރިބާކާރުން ގެނެސް އެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޗެއާޕާސަން ހަސަން ލަތީފުއާ އެ ގަރާރުން ވަނީ ހަވާލުކޮށްފަ އެވެ.

ގެއްލުނު ކަމަށް އިދިކޮޅުފަރާތްތަކުން ބުނާ ފައިސާ ހޯދުމަށް ފަހު އެ ފައިސާ ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަކަށް ބޭނުން ކުރަން ނިންމާފައިވާ ކަމަށްވެސް އެ ގަރާރުގައި ވަނީ ބުނެފަ އެވެ.


މިއަދު އޮންލައިން