ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ކެމްޕެއިން ޖަލްސާއެއް ސްރީ ލަންކާގައި މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ.
ކޮލޮމްބޯގެ މައުންޓް ލެވީނިއާގައި ބާއްވާ މިކެމްޕެއިން ޖަލްސާގެ ކަންކަމުގައި އިސްކޮށް އުޅުއްވާ މުހައްމަދު ތޯރިގު (މަނަދޫ ތޯރިގު) މިއަދު ވިދާޅުވީ، އިދިކޮޅު ކޯލިޝަނަށް ތާއީދު ހޯދުމަށް ގިނަ ކަންތައްތަކެއް، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މިއީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސި ފަހުން ރައީސް ނަޝީދާ އެއް ތަނަކުން ބައްދަލުވާ ފުރަތަމަ ފަހަރެވެ.
މި ޖަލްސާގައި ބައިވެރިވުމަށް އިބޫ މިހާރު ވަނީ ލަންކާ އަށް ފުރާވަޑައިގެންފަ އެވެ. ލަންކާގެ ދަތުރަށް ފަހު އިބޫ ރާއްޖެ ވަޑައިގަންނަވާނީ އަންގާރަ ދުވަހެވެ.