ރައްޔިތުންގެ ފައިސާ ހިމާޔަތްކުރަން ކުރިމަތިލައި ނުކުންނަން ދިވެހި ކަނބަލުންނަށް ފައިޞަލް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރައްޔިތުންގެ ފައިސާ ހިމާޔަތްކުރަން ކުރިމަތިލައި ނުކުންނަން ދިވެހި ކަނބަލުންނަށް ފައިޞަލް ގޮވާލައްވައިފި
ދިވެހި ރައްޔިތުންގެ ފައިސާ ހިމާޔަތްކުރަން ކުރިމަތިލައި ނުކުންނަން ދިވެހި ކަނބަލުންނަށް ރަނިންމޭޓް ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

ށ. ބިލެތްފަހީގައި ވާހަހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ އެންމެ ބޮޑު ޚިޔާނާތެއް ފަޅާއަރާފައިވާ އެމްއެމްޕީއަާރުސީ ޚިޔާނާތުގެ އަދަދު އެތައް ބިލިއަކަށް އަރާފައިވާއިރު ސަރުކާރުގެ ކޮންމެ ކުންފުންޏެއްގެ ތެރެއިންވެސް ފެންނަމުންދަނީ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ކަމަށެވެ.

ފައިޞަލް ވިދާޅުވީ ދިވެހި ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ވައްކަމާއި ކޮރަޕްޝަން ކަމަށްވެފައި އޮތުމުން އެކަންކަން ޢާންމުވެފައިވާ މިންވަރު އެނގިގެންދާ ކަމަށާއި ރައްޔިތުން މިހައި ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކަށް ވައްކަމާއި ކޮރަޕްޝަންވެފައި އޮތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ފައިޞަލް ވިދާޅުވީ ދަރިންނަށް ތައުލީމުދީ ތަރުބިއްޔަތުކުރުމާއި ޞިއްޙީ ފަރުވާ ދިނުން ފަދަ ކަންކަން ކުރުމުގައިވެސް ޢަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރަނީ އަންހެނުން ކަމަށެވެ. މިކަންކަން ކުރަންވެސް ވަރަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ދައުލަތަށް ޖެހޭ ކަމަށެވެ.

އެހެންކަމުން ދައުލަތަށް ލިބޭ ފައިސާ ހިމާޔަތްކޮށް ވައްކަމާއި ކޮރަޕްޝަން ނައްތާލަން ނުކުންނަން އަންހެނުންނަށް ޖެހިފައިވާ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުން ރާއްޖޭގައި އަންހެނުންގެ ކުރިއެރުމަށް ހުރި ގޮންޖެހުންތައް ނައްތާލައި ކުރީސަފަށް ނެރޭނެ ކަމަށެވެ. އަންހެނުންނަށް ލިބުން ހައްޤު ޤަަދަރާއި މަޤާމް ހޯދައިދޭނެ ކަމަށެވެ. "މިކުރާ ދަތުރުތަކުގައި ވެސް ފެނިގެން މިދަނީ އަންހެނުންގެ ސިޔާސީ ދައުރު ފިރިހެނުންނަށްވުރެ ބޮޑުކަން. ވީމާ އަންހެނުންގެ ދައުރު އެބަޖެހޭ ސިޔާސީ ކަންކަމުގައި މާބޮޑުތަންވެސް އިތުރުވާން."

ފައިޞަލް ވިދާޅުވީ އަންހެނުންގެ ޙައްޤުތަކަކީ ހަމައެކަނި ޤާނޫނެއް ފާސްކުރުމުން ފޯރުކޮށްދެވޭނެ ޙައްޤުތަކެއް ނޫން ކަމަށާއި އަންހެނުންގެ ހައްޤުތައް ހިމާޔަތްކޮށްދީ ފޯރުކޮށްދެވޭނީ އިޚްލާޞްތެރިކަމާއިއެކު އެކަމަށް މަސައްކަތްކޮށްގެން ކަމަށެވެ.
މިއަދު އޮންލައިން