ގެއްލިގެން ހޯދަމުންދިޔަ ނަޝްފާ ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 1މ
ގެއްލިގެން ހޯދަމުންދިޔަ ނަޝްފާ ފެނިއްޖެ
ހުޅުމާލޭ ޗައިނާ ސިޓީ ފްލެޓު ސަރަޙައްދުގައި ތިން އަންހެން ކުއްޖަކު ވެގެން އެހެން އަންހެނުން ކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯގައި، އަނިޔާތައް ލިބެމުން ދިޔަ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

ގދ. ތިނަދޫ، އާބާދުވާދީ/ ނަޝްފާ ހަސަން (15އ.) ފެނިފައިވަނީ މިރޭ އިރުއޮއްސި 18:50، އޭނާ އަމިއްލައަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހާޒިރުވުމުން ކަމަށް، ފުލުހުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ދެވެން ނެތް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވެއެވެ.

ނަޝްފާ ހަސަން ގެއްލިގެން ހޯދަމުންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ގަނާކޮށް އަނިޔާކުރި ހާދިސާގެ ވީޑިއޯ ހަލުވިކަމާއިއެކު މީސްމީޑިއާގައި ދައުރުވަމުން ދާއިރު އެމައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

މިހާތަނަށް މިކަމާއި ގުޅިގެން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އެހާދިސާ ހިނގާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަޝްފާއަށް އަނިޔާ ކުރުމުގައި ބައިވެރިވި ތިން އަންހެން ކުދިންގެ ތެރެއިން ދެ ކުއްޖަކު މިހާރުވަނީ، އެދުވަހު އެފަދައިން އަމަލުތައް ބެހެއްޓުނީތީ މީސް މީޑިއާގައި މާފަށް އެދިފައެވެ.
މިއަދު އޮންލައިން