ވޮލީ ކޯޓަކަށް 5 މިލިއަން ރުފިޔާ، ބަށިކޯޓަކަށް 2.5 މިލިއަން ރުފިޔާ، ބޮކި ދަނޑި ބަދަލުކޮށްލަން 1 ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށް ޤަބޫލުކުރަނީ ކާކުތޯ؟ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޟާ ސުވާލުކުރައްވައިފިއެވެ.
ކޯލިޝަނުން މިރޭ މިލަންދޫގައި ބޭއްވި ޖަލްސާގައި ޢަލީ ރިޟާ ވިދާޅުވީ ކުރާ ކޮންމެ ކަމަކުން އިސްރާފުކޮށް ކޮރަޕްޝަނާއި ވައްކަން ޢާންމުވެފައިވުމަކީ ރާއްޖޭގެ ވެރިކަން ބަދަލުކުރަންޖެހޭ އެންމެ ބޮޑު ސަބަބު ކަމަށެވެ.
"ކާކުތޯ މިކަންކަން ޤަބޫލުކުރަނީ؟ ކާކުތޯ 1 ލައްކަ ރުފިޔާއަށް ކުރެވޭ ކަންކަން 1.5 މިލިއަނަށް ކުރީމާ އެކަން ޤަބޫލުކުރެވެނީ؟ މިއީ ވައްކަން ނޫންތޯ؟ މި ވައްކަންތައް މިކުރަނީ ރައްޔިތުންގެ ފައިސާއިން ނޫންތޯ؟"
ޢަލީ ރިޟާ ވިދާޅުވީ މިފަދަ ކަންކަމާއިހުރެ ރައްޔިތުން އިންތިހާއަށް ރުޅިގަދަވެފައިވާކަން ރައީސް ޔާމީނަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. "އެހެންވެ 200 މީހުން ދިރިއުޅޭ ރަށްރަށަށް ފުރިހަމައަށް ހަތިޔާރު އެޅި 50 ސިފައިންނާ ހަތިޔާރާއެކު އަރާވަޑައިގަންނަވަމުން އެގެންދަވަނީ."
ޢަލީ ރިޟާ ވިދާޅުވީ އެއްބަނޑު އެއްބަފާ 4 ކުދިންނާއި ޖިންސީ ގުޅުން ހިންގި މީހާ މިނިވަންކޮށް ދޫކޮށްލުމަށްފަހު އަމިއްލަ ފޯނު ނުދިންކަމަށް ބުނެ ރައީސް މައުމޫނު ޖަލުގައި ބަންދުކޮށް ބަހައްޓަމުން ގެންދިއުން ރާއްޖޭގައި އަދުލުވެރިކަން އޮތް ގޮތާއި މިންވަރު ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ.