ކޯލިޝަނުގެ ސަރުކާރުން އެކަމަށް ބޭނުންވާ ވަރަކަށް ބަޖެޓުދީގެން ދިވެހި ކުޑަކުދިންގެ ހުރިހާ ޙައްޤުތަކެއް ހިމާޔަތްކޮށްދެއްވާނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިލަންދޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް މިރޭ ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ގެއްލި ބޮޑެތި އަނިޔާތައް ލިބެމުން ދިއުމާއި އަދި މަރާއި ކުރިމަތިލާންޖެހުމުގެ މައްސަލަތައް ދަނީ އިތުރުވަމުން ކަމަށެވެ. އިތުރުވަމުން ގޮސް މިހާރު ވަނީ ހައްދުފަހަނައަޅައިފައި ކަމަށެވެ. އަދި މިފަދަ މައްސަލަތައް އިތުރުވަމުން މިދަނީ ކަމާއިބެހޭ މުއައްސަސާތަކަށް ބޭނުންވާ ބަޖެޓު ނުލިބިގެން ކަމުގެ ޝަކުވާތައް ލިބިވަޑައިގަންނަވަމުންދާ ކަމަށެވެ.
ފައިޞަލް ވިދާޅުވީ ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލު ކަމަށްވާއިރު ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކޮށްދީ ރަނގަޅު ގޮތުގައި ބޮޑުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލއިއްޔަތު ކޯލިޝަނުގެ ސަރުކާރުން ވަރަށް ފުރިހަމައަށް އަދާކުރާނެ ކަމަށެވެ.
ފައިޞަލް މިރޭ ވެސް ވިދާޅުވީ ރައްޔިތުން ކުރާ މަސައްކަތްތަކަށް ހަމަ އަގު ކޯލިޝަނުގެ ސަރުކާރުން ހޯދައިދޭނެ ކަމަށެވެ. ދަނޑުވެރިންނަށް މީހަކަށް މަހަކު 8000 ރުފިޔާ ދޭން ނުލިބުނު ނަމަވެސް އުފެއްދުންތަކަށް ރަނގަޅު އަގު ހޯއްދަވައި ދެއްވާނެ ކަމަށެވެ. މަސްވެރިން ބާނާ މަހަށްވެސް ދުނިޔޭގެ ބާޒާރުން ލިބެން ހުރި އެންމެ ރަނގަޅުއަގު ހޯދައިދޭނެ ކަމަށެވެ.