އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީން އާންމުކޮށްފައިވާ ވޯޓާރސް ލިސްޓުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ނަމާއި އެޑްރެހުގެ އިތުރުން ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ ތަނުގެ މައުލޫމާތާއި އައިޑީކާޑު ނަންބަރުގެ އިތުރުން އުފަން ދުވަހުގެ މައުލޫމާތު ވެސް ހިމަނާފައިވެއެވެ.
ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިހިނގާ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި އެލިސްޓަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރެޖިސްޓްރީއާއި ބެހޭ ޝަކުވާ ހުށަހަޅާ ފޯމުން" ކަމަށް ވެސް އީސީ އިން ބުނެފައިވެއެވެ.
ވޯޓާރސް ލިސްޓު މިހާރު ގެޒެޓު ކުރެވިފައިވާއިރު, މިލިސްޓު އިލެކްޝަންސް ކޮމިޝަންގެ ވެބް ސައިޓުންނާއި ސިޔާސީ ޕާޓީތަކުގެ ވެބްސައިޓުތަކުން ފެންނަން ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.