ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ހިންގާފައިވަނީ އެމްއެމްޕީއާރުސީން ކަމަށް ރައީސް ޢަބްދުﷲ ޔާމީނު ވިދާޅުވެފައިވާއިރު އެމްއެމްޕީއަރުސީގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލީ އެމްއެމްޕީއާރުސީ ހިންގުމުގެ އެންމެ އިސްވެރިއަކަށް ހުރި އަހްމަދު އަދީބުގެ ބެލުމުގެދަށުން ކަމަށްވާނަމަ އަދީބް ވިދާޅުވާނީ ކޮރަޕްޝަނެއް ނެތް ކަމަށް ކަމުގައި މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓް އިބްރާހީމް ޞާލިޙްގެ ތަރުޖަމާނުކަން ކުރައްވާ މާރިޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު މިމޭރުމުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ޑާޓާ ބޭސްގައި ހުރި މައުލޫމާތު ރައީސް ޔާމީނުގެ ކެންޕޭނު އޮފީހަށް ލިބިފައިވާ ކަމަށް އެކޮމިޝަނުން އިއްޔެ އެއްބަސްވެފައިވާއިރު އެމައްސަލަ ބަލަނީ އެކޮމިޝަނުން ކަމަށްވެސް ބުނުމުން އެކަން ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާރިޔާ ވިދާޅުވީ ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވިކަން ސާބިތުވެފައިވާ 1 މިލިއަން ޑޮލަރުގެ މައްސަލަވެސް ރައީސް ޔާމީނު އަމިއްލަފުޅަށް ބައްލަވައިފިނަމަ އެކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމަށް ވިދާޅުނުވާނެ ކަމަށެވެ. އަދި އެމީހަކު ޒިންމާވާންޖެހޭ ކަމެއްގެ މައްސަލަ އެމީހަކު އަމިއްލައަށް ބެލުމަށްފަހު އެކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމަށް ހަމަ އެކަކުވެސް އެއްބަސްނުވާނެ ކަމަށެވެ.
މާރިއާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފުގެ އެއްވެސް އިޚްލާޞްތެރިކަމެއް ހުރިނަމަ އެވަރުގެ ބޮޑުކަމެއް ހިނގައި ދިއުމުން އެންމެ ކުޑަމިނުން ފުލުހުންނަށް ހުށަހަޅައިގެން މައްސަލަ ބަލާނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ދަނީ އެ މައްސަލަ މިނިވަން މުސްތަޤިއްލު ކޮމިޓީއެއް މެދުވެރިކޮށް ބެލުމަށް ގޮވާލަމުންނެވެ.