ކޯލިޝަނުގެ ސަރުކާރެއްގައި އެހީތެރިކަމަށް ބޭނުންވާ ރައްޔިތުން އެހީ ހޯދަން އާދޭސްކުރަން ނުޖެހޭނެ ކަމަށާއި އެހީއަށް އެދި ދިހަބާރަ ސިޓީލާން ނުޖެހޭނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ށ. މާއުނގޫދޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ އާސަންދަ އާއި އެހެންވެސް ސަރުކާރުގެ އެހީދޭ އިދާރާތަކުން ކޯލިޝަނުގެ ސަރުކާރުގައި އެހީތެރިކަން ލިބެމުންދާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަވާ ގޮތަށް ކަމަށެވެ. އެހެންކަމުން އެހީ ހޯދަން ވަކި މީހެއްގެ އެހީތެރިކަން ބޭނުން ނުވާނެ ކަމަށެވެ.
އެރަށުގައިވެސް ފައިޞަލް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްދޭ ކުންފުނިތަކުން ވައްކަން ކުރީމާ އަދި އިސްރާފު ކުރީމާ ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ އަގު އުފުލިގެންދާނެ ކަމަށާއި އެކަމުގެ ތަކުލީފް އުފުލަން ރައްޔިތުންނަށް ޖެހޭނެ ކަމަށެވެ.
ކޯލިޝަނުގެ ސަރުކާރުގައި އެންމެ ބޮޑަށް ސަމާލުކަން ދޭނެ އެއް ކަމަކީ ވައްކަމާއި ކޮރަޕްޝަނާއި އިސްރާފުކުރުމުން ސަރުކާރުގެ ކުންފުނިތައް ސަލާމަތްކޮށް ރައްޔިތުންނަށް ވީހައި ހެޔޮ އަގުތަކުގައި ހުރިހާ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.