ރާއްޖެއަށް ވައިގެ މަގުން ދަތުރުކުރާ މީހުންގެ މައުލޫމާތުތަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ދިނުން ލާޒިމް ކުރާ ގަވައިދެއް ހަދައިފި އެވެ.
އިއްޔެ ކަސްޓަމްސް އިން ގެޒެޓުކުރި ގަވައިދުގައި ބުނެފައި ވަނީ، ވައިގެ މަގުން ރާއްޖެއަށް ދަތުރު ކުރާމީހުންގެ މައުލޫމަތުގެ އިތުރުން ރާއްޖެއަށް ވައިގެ މަގުން އަންނަ އުޅަނދުފަހަރުތަކާ ބެހޭ މައުލޫމާތުތަށް ވެސް އެތަނަށް ފޯރުކޮށް ދިނުން ލާޒިމް ކަމަށެވެ.
އެގޮތުން މި ގަވާއިދަކީ ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަން އިންރިއާޔަތްކޮށްގެން އެކުލާވާލެވިގެން ދިޔަ ގަވާއިދެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި ގަވައިދު އުފެއްދިގެން ދިޔައީ ރާއްޖޭގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް، ރާއްޖެއަށް އެތެރެކުރާ ތަކެތި ސައްހަ ކަމާއި އެތަކެތި އެތެރެކުރުމަށް ހުއްދައޮތްކަން ޔަގީންކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްގެ ސީނިއަ ސުޕަރޓެންޑެންޓް އަހުމްދު ނިޔާޒު ވިދާޅުވީ ވައިގެ މަގުން ދަތުރުކުރާ މީހުންގެ މައުލޫމާތު ލިބިފައި ނެތުމުން ކަސްޓަމްސް އިން ހިންގާ ބައެއް އޮޕަރޭޝަންތަކަށް ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހިފައިވާ ކަމެވެ.
"ވައިގެ މަގުން ދަތުރުކުރާ މީހުންގެ މައުލޫމާތު ދިނުމާއި ބެހޭ ގަވާއިދެއް ހެދީމަ ފްލައިޓް އޮޕަރޭޓްކުރާ ފަރާތްތަކަށް މަޖުބޫރުވެގެން އެބަ ދޭ މައުލޫމާތު ދޭން. އޭގެ ސަބަބުން ފަސޭހަވެގެން ދާނެ އޮޕަރޭޝަންތައް ހިންގުމަށް،" ނިޔާޒު ވިދާޅުވިއެވެ.
އެ ގައިވާއިދުގެ ދަށުން ރާއްޖެއަށް އަންނަ ފްލައިޓްގެ އެންމެހާ ދަތުރުވެރިންނާއި، ފްލައިޓް ފުރާ ގަޑީގެ އިތުރުން ރާއްޖެއަށް އާދެވޭވެނެ ގަޑިތުކުގެ މައުލޫމާތު ކަސްޓަމްސް އަށް އެންގުން ލާޒިމް ކަމަށެވެ.
ގަވައިދުގައި ވާގޮތަށް މައުލޫމާތު ނުދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.އެގޮތުން ފްލައިޓާއި އެއިން ދަތުރުކުރާ މިހުންގެ މައުލޫމާތު ކަސްޓަމްސް ފޯރުކޮށްނުދީ ނުވަތަ އެ މައުލޫމާތުތައް ފޮރުކޮށްދިނުމަށް ލަސްކުރާ ކަމުގައި ވާނަމަ އެ އެއާލައިނެއްގެ އެޖެންޓް 2000 ރިފިޔާ އިން ޖޫރިމަނާ ކުރެވެއެވެ. އަދި ފަހުން މައުލޫމާތު ނުދީ ނުވަތަ މައުލޫމާތު ދިނުން ލަސްކުރުމަށް ފަހު ކުރާ ކޮންމެ ދަތުރަކަށް އެޖެންޓް 300 ރުފިޔާ އިން ޖޫރިމަނާ ކުރެވެއެވެ.
އިއްޔެ ގެޒެތް ކުރި މި ގަވައިދަށް އަމަލުކުރަންފަށާނީ އެއްމަސް ފަހުންނެވެ.