ރިޔާސީ އިންތިޚާބު ގަޑުބަޑުކުރަން އެއްވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ދީގެން ނުވާނެ: ގާސިމް އިބްރާހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރިޔާސީ އިންތިޚާބު ގަޑުބަޑުކުރަން އެއްވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ދީގެން ނުވާނެ: ގާސިމް އިބްރާހީމް
އަންނަމަހު 23 ގައި ބާއްރާ ރިޔާސީ އިންތިޚާބު ގަޑުބަޑުކުރަން އެއްވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ދީގެން ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާގެ ގެޔަށް ކަޅުތެޔޮ ޖަހާފައިވާތީ އާއި މާލެ ތެރޭގައި ތޫނު ހަތިޔާރާ އެކު އެއްވެސް ބިރެއް ނެތި ގޭންގު މާރާމާރީ ހިންގާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އިއްތިހާދުގެ އިސް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގައެވެ.

މިކަންކަމަކީ އަޅުގަނޑުމެން އެންމެން ވިސްނަންޖެހޭ ކަންކަން ކަމަށާޢި މިއީ އިންތިޚާބު ބާއްވާނެ މާހައުލެއް ނެތްކަން ދައްކަން ބަޔަކު އުފައްދާ ހައިޖާނުތަކެއް ނޫންތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ރައްޔިތުން ސަމާލުވުމަށާއި ކެތްތެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލްތިމާސް ކުރުމަށާއި އިންތިޚާބު ގަޑުބަޑުކުރަން އެއްވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ދީގެން ނުވާނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނަށް އޮތް ރައްޔިތުންގެ ތާއީދު ގުޑުވާލަން ކޮންމެ ކަހަލަ ފްރޭމް ކުރުމެއް ވެސް ކޮށްފާނެ ކަމަށާޢި ހުރިހާ ބޭފުޅުން ވެސް ވަރަށް ވިސްނުންތެރިވެ، މިކަންކަމަށް ރައްޔިތުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވުމަށް ގާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.
މިއަދު އޮންލައިން