އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް އަންނަ ދައުރެއްގައި ޤާއިމު ކުރާނަން: ރައީސް ޔާމީން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް އަންނަ ދައުރެއްގައި ޤާއިމު ކުރާނަން: ރައީސް ޔާމީން
ވެރިކަމުގެ ދެވަނަ ދައުރެއްގައި، އަންހެނުންނާއި ކުޑަކުދިންގެ ހުރިހާ ބަލިތަކަށް ފަރުވާ ދެވޭވަރުގެ ޚާއްޞަ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ކަންކަމާއި، އަދި ކުރިއަށް ރާއްވަވާފައި ހުރި ތަފާތު އެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވައިފައެވެ. އެގޮތުން، މި ސަރުކާރުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން މި ސަރުކާރުގެ ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި 700 އަށްވުރެ ގިނަ ކްލާސް ރޫމް އަޅުއްވައި ދެއްވައިފައިވާކަމަށާއި، އަތޮޅުތެރޭގައި މިހާތަނަށް ބިނަކުރި އެންމެ ބޮޑު ސްކޫލް ބިނާ ކުރެއްވީވެސް މިސަރުކާރުންކަން ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާއަށް އަލި އަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ މިހިނގާ ދައުރުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުއްވާފައިވާކަމަށާއި، އެކި ބަލިތަކަށް ފަރުވާކުރުމަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނުކުރަމުންދާކަމުގައިވެސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން އަވަހަށް ނިމެމުންމިދަނީ ސަރުކާރު ކުންފުނިތަކުގައި ހަކަތަ ހުރުމުންކަމަށާއި، އެގޮތުން ކުރިން ރާއްޖޭގައި އޮތީ ފެނުގެ ނިޒާމު ޤާއިމު ކުރެވި ޚިދުމަތްލިބޭ އެންމެ 6 ރަށްކަމަށާއި ނަމަވެސް މިސަރުކާރު ކުންފުނިތައް މެދުވެރިކުރައްވައިގެން 30 ރަށެއްގައި މިހާރު ފެނުގެ ނިޒާމު ޤާއިމުކޮށް ނިމިފައިވާކަމަށާއި، ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރިޔަށްދާ އިތުރު 15 ރަށެއްގައި އަންނަ އަހަރު މެދުތެރޭގައި ފެނުގެ ނިޒާމުގެ ޚިދުމަތްލިބޭ ވަރަށް މަޝްރޫޢުތައް ނިމޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައިސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ މިދަތުރުފުޅު ފެއްޓެވީ މިއަދު ހެދުނެވެ.
މިއަދު އޮންލައިން