ހައްޔަރު ކޮށްފައިހުރި ޔަމަނުގެ މީހާއަށް ލިބެންވާ ޙައްޤުތައް ނުލިބޭ ކަމަށް އާއިލާއިން ބުނެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
ހައްޔަރު ކޮށްފައިހުރި ޔަމަނުގެ މީހާއަށް ލިބެންވާ ޙައްޤުތައް ނުލިބޭ ކަމަށް އާއިލާއިން ބުނެފި
ދިވެހި އަންހެނަކާއި ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން ދަނިކޮށް އެއްވެސް ދައުވާއެއް ޝަރީއަތެއް ކުރުމެއް ނެތި ހައްޔަރު ކޮށްފައި ހުންނަ، ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސޯލިހަށް ލިބެންވާ ޙައްޤުތައް ނުލިބޭ ކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

މާލޭގައި ޓީޗަރެއްގެ ވަޒީފާގައި ހުރި ޔާސިރު ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ޑީޕޯޓު ކުރުމަށްފަހު އިމިގްރޭޝަނާއި ހަވާލު ކުރަން ކަމަށް އެއިރު ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާސިރު މިވަގުތު ހުރީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ބެލުމުގެ ދަށުގައި ހުންނަ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައެވެ

ޔާސިރުގެ އަންހެނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފަައިވަނީ ޖަލުގައި އެކަހެރިކޮށް ބަހައްޓާފައި ހުރުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްޙީ ގޮތުން ޔާސިރު ބަލިކަށިވެފައިވާ ކަމަށާއި ގޮޅިން ނެރޭއިރު ބިޑި އަޅުވައިގެން ނެރޭ ކަމަށާއި ޔާސިރު ބަހައްޓާފައި ހުންނަ ގޮޅިއަކީ ހޫނުގަދަ ތަނަކަށް ވާއިރު، އެތަނުގެ އޭނާ ބަހައްޓައިގެން އެކި މަސައްކަތްތައް ކުރުމުގެ ސަބަބުން ޔާސިރުގެ ނޭވާލުމުގެ ނިޒާމަށް އުނދަގޫވާ ކަމަށެވެ.

"ޖަލު ބަލަހައްޓާ ފަރާތްތަކުން މުއާމަލާތް ކުރުމުގައި އެބިއުސިވް ބަހުރުވަ ބޭނުންކޮށް ޖަލުގައި ތިބޭ އެހެން ގައިދީން ލައްވާ ފުރައްސާރަ ވެސް ކުރޭ. މިކަމުގެ ޝަކުވާ ވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އަދި އިމިގްރޭޝަނަށް ވެސް އެކި ފަހަރު މަތިން ހުށަހެޅިފަ" ޔާސިރުގެ އަންހެނުންގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން، ކުރިން އެއްވެސް އެންގުމަކާ ނުލައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ފުލުހުން އަދި އިމިގްރޭޝަނުން ޔާސިރުގެ ބަޔާން ނެގި ކަމަށާއި، އެކަމުގެ މައުލޫމާތު އާއިލާއާއި ވަކީލަށް ވެސް ނޭނގޭ ކަމަށް އެބަޔާނުގައިވެއެވެ. އަދި އެކި ގޮތްގޮތުން ޔާސިރަށް ބިރު ދައްކައިގެން ކަންތައްތަކަށް އެއްބަސް ކުރުވަން މަސައްކަތް ކުރާ ކަމަށާއި އޭނާގެ ވިސާ ކެންސަލްކޮށް، މިހާރުވެސް ހަނގުރާމަ ހިނގަމުންދާ ޔަމަނަށް ޔާސިރާއި އާއިލާ ފޮނުވާލަން އިމިގްރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ޔާސިރުގެ އަނބިމީހާ ތުހުމަތު ކޮށްފައިވެއެވެ.

"ޔާސިރު ހައްޔަރު ކުރަން ގެނައި ވޮރަންޓުގައި، އެއީ ޤައުމީ ސަލާމަތަށް ކުރައްކާވާތީކަމަށް ލިޔެފައި އޮތްކަމުގައި ވިޔަސް، ޔާސިރަކީ މިޤައުމުގެ އެއްވެސް ޤާނޫނަކާއި ޚިލާފު އެއްވެސް ކަމެއްގެ ރިކޯޑެއް ނެތް، ޤާނޫނާ އެއްގޮތަށް ކައިވެނި ކޮށްގެން މިޤައުމުގައި ފަސް އަހަރުވެފައު އަދި މާލޭގެ ޕަބްލިކް ސްކޫލެއްގައި ޢަރަބި ލެންގުއޭޖް ކިޔަވާ ދެމުންދިޔަ މުދައްރިސެއް" އޭނާގެ އަންހެނުން ބުނެފައިވެއެވެ.
މިއަދު އޮންލައިން