ސަރުކާރުން ވަނީ 20 އަހަރު އެޑްވާންސްކޮށް ކުރިއަށް ވައްކަން ކޮށްފަ: އިބޫ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސަރުކާރުން ވަނީ 20 އަހަރު އެޑްވާންސްކޮށް ކުރިއަށް ވައްކަން ކޮށްފަ: އިބޫ
ރާއްޖޭގައި މިހާރު ވެރިކަންކުރާ ސަރުކާރުން ވަނީ 20 އަހަރު އެޑްވާންސްކޮށް ކުރިއަށް ވައްކަން ކޮށްފައި ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިއަދު ކޮޅުނބުގައި ބޭއްވި ބައްދަލުވުމުގައި އިބޫ ވިދާޅުވީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ނުދެވިގެން މިއުޅެނީ ދައުލަތަށް ފައިސާ ނުލިބޭތީ ނޫން ކަމަށާއި ލިބޭ ފައިސާ ވައްކަން ކުރާތީ ކަމަށެވެ. "އަޅުގަނޑު މިވާ ވައުދުތައް ފުއްދާނެ ގޮތަކާއިމެދު އެބަ ސުވާލު އުފައްދާ. ޖަވާބު ވަރަށް ސާފު. ދައުލަތަށް ރައްޔިތުން ދައްކާ ފައިސާއިން ވައްކަން ނުކުރީީމާ ހުރިހާ ވައުދުތަކެއް ފުއްދޭނެ." ޫއިބޫ ވިދާޅުވީ ކޯލިޝަނުގެ ވެރިކަން ފެށުމާއިއެކު ބޮޑު ބައްޔެއް ޖެހުމުން ރައްޔިތުން މަގުތަކަށް ނުކުމެ ސަލާންޖަހަން ނުޖެހޭނެ ގޮތް ހައްދަވައި ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކު ދިރިއުޅުނު ނަމަވެސް އާސަންދަ އާއި އެންސްޕާގެ ޚިދުމަތް ލިބޭނެ މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށެވެ.

އިބޫ މިއަދުވެސް ވިދާޅުވީ ރާއްޖެއިން މިހާރު ގުޅުން ކަނޑާލާފައިވާ ޤަތަރާއި އީރާނާއި އަދި ކޮމަންވެލްތާއިއެކު ގުޅުން ބަދަހިކުރައްވައި އެ ފަރާތްތަކުގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ މަގު ފަހިކުރައްވާނެ ކަމަށެވެ. އިބޫ މިއަދުވެސް ވަނީ އިންޑިއާ ކަނޑުގެ ސަލާމަތަށް ކުރެއްވެން ހުރި ހުރިހާ ކަންކަން ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ސްރީލަންކާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވައި ސްރީލަންކާގެ ރައްޔިތުންނަށާއި ސަރުކާރަށް އިބޫ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މިއަދު އޮންލައިން